ތިޔަނޫހުގައި މިއުދާސްވެސް ޝާއިރު ކުރާނެކަމެއްނޭގެއެވެ. އެކަމަކު ހަގީގަށް ވާނީ ހަގީގަތަށެއެވެ، އަޅުގަނޑުގެ ހިތަށް ލިބުނު ބޮޑު ތަސައްލީއެކެވެ، މިނިވަން ނޫސްވެރިކަމުގެ ޝުޢޫރު ފެތުރިގެން ދިޔަ ދުވަސްވަރު. ހައްގު ބަސް ބުނެވޭނެކަމުގެ އުއްމީދުތަކުން ހިތް ފުރިފައިވާނެއެވެ. ނަމަވެސް، މިއަދު މިފެންނަނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ މިނިވަންކަމުގެ ނަމުގައި، ހައްދުފަހަނަޅައި ގޮސްފައިވާ ނޫސްވެރިކަމުގެ ބޭއިންސާފުތަކެވެ.

ނޫސްވެރިކަމަކީ ހައްޤަށް ވަކާލާތުކުރުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމު ވަސީލަތެކެވެ. އެކަމަކު، މިހާރު މިކަން ބަދަލުވެފައިވަނީ ދުނިޔަވީ އެދުންތަކާއި، ކޮންމެފަދަ ބަހެއް ބޭނުންކޮށްގެންވެސް މީހުންގެ ސަމާލުކަން ހޯދުމުގެ މަގެއްގެ ގޮތަށެވެ. ދަރިންނާއި މައިންނާއި ކުރިމަތީގައި ނުދެލޭވަރަށް ހަޑިހުތުރު ބަސްތައް ނޫސްތަކާއި މީޑިއާގައި ބޭނުންކުރާތަން ފެންނަނީ ކިހާ ދެރަގޮތަކަށް ހެއްޔެވެ؟ މިއީ ހަމަ އެއްވެސް އިސްލާމީ އަދަބެއްގެ، ނުވަތަ މާތް ދިވެހި ސަގާފަތެއްގެ ތެރޭގައި ހިމެނޭ ކަމެއް ހެއްޔެވެ؟

މީސްމީހުންގެ އަބުރާއި، ޝަހުސިއްޔަތަށް އަރައިގަތުމަކީ ނޫސްވެރިކަމުގެ ނަމުގައި މިއަދު އާދައަކަށް ވެފައިވާ ކަމެކެވެ. އެއްވެސް ހެއްކެއް ނުވަތަ ސާބިތު ހަގީގަތެއް ނެތި، މީހުންގެ ފަހަތުން ބަދުނާމުގެ ވާހަކަތައް ދައްކައި، އެމީހުންގެ ހުރުމަތް ކަނޑާލުމަކީ ކިހާ ބޮޑު ކުށެއް ހެއްޔެވެ؟ މީގެ ސަބަބުން ކިތައް އާއިލާތައް ފުނޑުފުނޑުވެ، ކިތައް މީހުންގެ ހިތްތައް ބިންދައިގެން ގޮސްފައިވާނެ ހެއްޔެވެ؟

މިކަމަށް ހައްލެއް ބޭނުންވެއެވެ. މިނިވަން ނޫސްވެރިކަން ދެމެހެއްޓުމާއެކުވެސް، ވަކި ހުދޫދެއްގެ ތެރެއިން ހަރަކާތްތެރިވުމަށް ގޮވާލަމެވެ. އިސްލާމީ އަދަބުތަކާއި، ދިވެހި ސަގާފަތުގެ މަތިވެރި އުސޫލުތަކަށް އިހުތިރާމްކޮށް، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރިއަށް ގެންދެވޭނެ މަގެއް ފެންނަން ބޭނުންވެއެވެ. މި އުދާސްތައް އަޅުގަނޑުގެ ހިތުގައި ހަރުލައިފައިވަނީ، މުޖުތަމައުގެ ހަމަޖެހުމަށްޓަކައެވެ. އާމީގެ އުއްމީދަކީ، މި ހައްދުފަހަނަޅައިދާ ކަންތައްތަކަށް ނިމުމެއް ގެނެސް، ހަގީގީ މިނިވަންކަމުގެ ރީތި ނޫސްވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމުވުމެވެ.