ބޯހިޔާވަހިކަމުގެ ދަތިކަން އިހުސާސްކުރަމުންދާތާ 12 އަހަރުވެއްޖެ. ތިން ކުދިންނާއެކު 2 ކޮޓަރީގެ ގެއެއްގައި 18000 ރުފިޔާގެ ކުއްޔަށް އުޅެމުންދަނީ. ކޮންމެ އަހަރަކު ކުލި މައްޗަށްދޭ. ގެވެރިޔާ ބޭނުން ވަގުތެއްގައި ނިކުންނަން އެންގުމުގެ ބިރުގައި އުޅެންޖެހެނީ. ހުޅުމާލޭ ފްލެޓަށް 3 ފަހަރު ކުރިމަތިލީ. ކޮންމެ ފަހަރަކު ޕޮއިންޓް މަދުވެގެން ބޭރުވޭ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ތެރޭގައި ގެދޮރު އޮންނަ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 5 އަހަރުނުވާ މީހުން އެބަތިބި. ސަރުކާރުން ބުނާ ޝަރުތުތަކާ ޚިލާފަށް ފްލެޓް ދީފައި ހުރިކަން އެނގޭ. އެކަމަކު މިއިން އެއްވެސް ކަމެއް ބަލާނެ ފަރާތެއް ނެތް. ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހިކަމުގެ ވަޢުދުތައް ދެނީ. އެކަމަކު ޙައްޤުވެރިންނަށް ފްލެޓް ނުލިބި، ނުފޫޒު ހުރި މީހުންނަށް ލިބެމުންދަނީ. މިހާރު ހަދަމުންދާ ފްލެޓްތަކުގެ ފެންވަރު ދަށްވެ، އަގު ބޮޑުވެ، ގަންނަން ނުކުޅެދިފައި މިތިބީ. މިއީ އަޅުގަނޑުމެންގެ އަސާސީ ޙައްޤެއް. އެކަމަކު މި ޙައްޤު ހޯދައިދޭނެ ފަރާތެއް ނެތް.