ޓުއަރ ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ދޫކުރާ ރަސްމީ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި އަންހެނަކަށް އައިޝަތު ޝީނާ ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ މިއަދު މިނިސްޓްރީގައި އައިޝަތު ޝީނާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އޭނާއަށް މަރުހަބާ ވިދާޅުވެ، އޭނާގެ ރަސްމީ ޓުއަރ ގައިޑު ފާސް ވަނީ ހަވާލުކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަފްތަރުގައި މުޅި ރާއްޖެއިން މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 80 ޓުއަރ ގައިޑުންނެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުގެ ރަސްމީ އެކްރެޑިޓޭޝަން (ޓީޖީޕީ ޕާމިޓް) އޮންނަނީ މި މަދު އަދަދެއްގެ ގައިޑުންގެ އަތުގައެވެ. މީގެ އިތުރުން ޝޯއަރައުންޑް މޯލްޑިވްސް، ޓުއަރ އެޗްކިއު އަދި ސީކްރެޓް ޕެރަޑައިސް ފަދަ ޕްލެޓްފޯމުތަކާއި އިކޯ އޮޕަރޭޓަރުން މެދުވެރިކޮށް އެތައް ސަތޭކަ ފްރީލާންސް އަދި ލޯކަލް ގައިޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގިނަ ރިސޯޓުތަކުގައި ފަތުރުވެރިންނަށް މައުލޫމާތާއި ހަރަކާތްތައް ފޯރުކޮށްދިނުމަށް ލައިސަންސް އޮންނަ ވޯކިންގ-ޓުއަރ ގައިޑުންގެ ބަދަލުގައި ބޭނުންކުރަނީ އެ ތަންތަނުގެ އިން-ހައުސް ޑައިވް އަދި އެކްޓިވިޓީ ސްޓާފުންނެވެ. އެހެންކަމުން ރަސްމީ ލައިސަންސް ލިބިފައިވާ ގައިޑުންގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބޮޑަށް ބޭނުންކުރެވެނީ މާލެއާއި، ހުޅުމާލެ އަދި އެކްސްކާޝަންތައް ބާއްވާ މީހުން ދިރިއުޅޭ ރަށްރަށުގައެވެ.