ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވެދާނެ ކުއްލި ދަތިތަކަށް އިސްވެ ތައްޔާރުވުމުގެ ގޮތުން ޚާއްޞަ އިންތިޒާމުތަކެއް ރާވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކުރައްވައިފިއެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާ ކުރިއަރައިގެން ދިޔަ ގޮތާ ބެހޭގޮތުން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކަރަންޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި މުޅި ސަރަޙައްދަށް ބަލާއިރުވެސް އެންމެ ފުރިހަމައަށް ކަރަންޓުގެ ޚިދުމަތް ލިބޭ ޤައުމަކީ ރާއްޖެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހަކަތައިގެ ނިޒާމު މުޅިންހެން ތެލުގެ މައްޗަށް ބިނާވެފައި އޮތުމުގެ ސަބަބުން، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށްވެސް ދުރާލާ ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ޑރ. މުއާވިޔަތު ފާހަގަކުރެއްވިއެވެ. މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހަކަތައިގެ ދާއިރާއިން ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ 10 އިން 12 އިންސައްތަ ހިއްސާކުރާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، މިހާރުގެ އަންދާޒާތަކުން ދައްކަނީ އެ ނިސްބަތް އެއަށްވުރެ ވެސް އިތުރުވާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު މި ދާއިރާއަށް ކުރިމަތިވާނެ. އެހެންކަމުން ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތަކަށް އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ. އަދި މީގެ އިތުރުން ދުރުރާސްތާގެ ޕްލޭންތަކެއްވެސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުހައްމަދު

މިނިސްޓްރީގެ އެސިސްޓެންޓް އިންޖިނިއަރ ޢަބްދުއްރަޝީދު ވިދާޅުވި ގޮތުގައި، ހަކަތައިގެ ދާއިރާއަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ޠަބީޢީ ބަހާލުމެވެ. ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ކޮންމެ ރަށެއްގައި އަމިއްލަ އިންޖީނުގެއެއް ހިންގަން ޖެހުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ. މީގެއިތުރުން، އިންޖީނުތައް ހިންގުމަށް ތެލަށް ބަރޯސާވާން ޖެހިފައިވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ޚިދުމަތް މެދުނުކެނޑި ދިނުމަށް ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިއޮގްރަފީގެ ގޮތުން ރާއްޖެ އޮންނަ ގޮތުން ކަރަންޓު ބޭނުންކުރަންޖެހޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މި ދާއިރާއަށް އެކަށީގެންވާ ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނައުމަށާއި، މި ޚިދުމަތް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ.