އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރު އާސެނަލުން އެ ޓީމުގެ މުހިންމު ތަރިންތައް ކްލަބުގައި ދިގު މުއްދަތަކަށް ބޭތިއްބުމުގެ މަސައްކަތުގެ ދަށުން، މިޑްފީލްޑަރު ޑެކްލަން ރައިސްގެ އިތުރުން މުހިންމު އެހެން ތިން ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާކުރުމާ ގާތަށް ޖެހިލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލަންޑަނުގެ ކްލަބުން ދަނީ އެ ޓީމުގެ ކާމިޔާބީގެ މައިބަދަ ކަމުގައިވާ މުހިންމު ކުޅުންތެރިންތަކެއްގެ އެއްބަސްވުން ކުރިއަށް އޮތް ދުވަސްތަކުގައި އާކުރުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

'ދަ ޓެލެގްރާފް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑެކްލަން ރައިސްގެ އެއްބަސްވުން އިތުރުކުރުމަށް އެއްބަސްވުމަކަށް އައުމަށްފަހު، ދެން އެ ކްލަބުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ކީޕަރު ޑޭވިޑް ރާޔާ، ޑިފެންޑަރު ޔޫރިއަން ޓިމްބާ އަދި ޕިއެރޯ ހިންކަޕިއޭގެ ކޮންޓްރެކްޓްގެ ކަންކަމުގައެވެ.

އިޝްތިހާރު އިޝްތިހާރު

އުމުރުން 28 އަހަރުގެ ސްޕެއިން ކީޕަރު ޑޭވިޑް ރާޔާއާއެކު އާސެނަލުން މިހާރު ވަނީ އާ އެއްބަސްވުމަކަށް އަސާސީ ގޮތުން އެއްބަސްވެފައެވެ. ރާޔާ މިހާރު ހުރި ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ޖޫން މަހަށް ހަމަވާއިރު، އާ އެއްބަސްވުމުގެ ދިގުމިން އަދި ހާމަކޮށްފައެއް ނުވެއެވެ. 2023 ވަނަ އަހަރު ބްރެންޓްފޯޑުން އާސެނަލާ ގުޅުނު ފަހުން ރާޔާ ވަނީ ކޯޗު މިކޭލް އާޓެޓާގެ ގޭމް ޕްލޭންގައި ކޮންމެހެން ބޭނުންވާ މުހިންމު ކުޅުންތެރިއަކަށް ވެފައެވެ. 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އާސެނަލުން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ރާޔާ ވަނީ ލީގުގައި 28 މެޗުގައި ލަނޑެއް ވަދިޔަނުދީ 'ކްލީން ޝީޓް' ހިފަހައްޓާފައެވެ. އަދި ވޭތުވެދިޔަ ތިން ސީޒަނުގައި ވެސް ލީގުގެ ގޯލްޑަން ގްލޯވް ހޯދައި، އޭނާ ވަނީ ލީގުގެ އެންމެ މޮޅު އެއް ކީޕަރުގެ މަގާމު ކަށަވަރުކޮށްފައެވެ.

'ދި އެތުލެޓިކް' އިން ބުނާ ގޮތުގައި އުމުރުން 25 އަހަރުގެ ނެދަލެންޑްސް ޑިފެންޑަރު ޔޫރިއަން ޓިމްބާ އާއި 24 އަހަރުގެ އިކުއެޑޯ ޑިފެންޑަރު ޕިއެރޯ ހިންކަޕިއޭ ވެސް ތިބީ އާސެނަލާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދަން ވަރަށް ގާތްވެފައެވެ. ޓިމްބާގެ މިހާރުގެ އެއްބަސްވުން 2028 ވަނަ އަހަރުގެ ޖޫނަށް ހަމަވާއިރު، ކޯޗު އާޓެޓާ ބޭނުންވަނީ އޭނާއަށް ދިގު މުއްދަތަކަށް އިތުބާރު ކުރާށެވެ.

ބަޔާ ލެވަކޫސަން ދޫކޮށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ލޯނު އުސޫލުން އައިސް، މިދިޔަ ހޫނުމޫސުމުގައި ދާއިމީކޮށް އާސެނަލާ ގުޅުނު ހިންކަޕިއޭ ވަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގައި 39 މެޗު ކުޅެ، ލީގު ކާމިޔާބުކުރުމަށާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ދަތުރުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. ހިންކަޕިއޭގެ ކޮންޓްރެކްޓް 2031 ގެ ނިޔަލަށް އޮތް ނަމަވެސް، މުސާރަ ބޮޑުކުރުމާއެކު އޭނާގެ އެއްބަސްވުން 2032 ވަނަ އަހަރާ ހަމައަށް އިތުރުކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އާސެނަލްގެ މެދުތެރެ ބަލަހައްޓަމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް ވަނީ ކްލަބާއެކު އާ އެއްބަސްވުމަކަށް އައުމަށް މިހާރު އެއްބަސްވެފައެވެ. 'ދަ ގާޑިއަން' އިން ރިޕޯޓްކުރާ ގޮތުގައި 27 އަހަރުގެ ރައިސް ވަނީ 2031 ވަނަ އަހަރުގެ ހޫނުމޫސުމާ ހަމައަށް އާސެނަލްގައި މަޑުކުރަން ނިންމާފައެވެ.

އާ އެއްބަސްވުމުގެ ދަށުން ރައިސްގެ މުސާރަ ހަފުތާއަކު ގާތްގަނޑަކަށް 300،000 ޕައުންޑަށް އަރާނެއެވެ. މިއާއެކު އޭނާ ވެގެންދާނީ ބުކާޔޯ ސަކާއާ އެއްވަރަށް އާސެނަލުން އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ކުޅުންތެރިޔާއަށެވެ. 2023 ވަނަ އަހަރު ވެސްޓްހަމް ޔުނައިޓެޑުން 105 މިލިއަން ޕައުންޑްގެ ކްލަބް ރެކޯޑް ފީއަކަށް އައި ރައިސްގެ ކުރީގެ އެއްބަސްވުން ހަމަވާން އޮތީ 2028 އަށެވެ.