މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ އާޓް އެގްޒިބިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.
"ސީސައިޑް ސްޓޯރީސް" ގެ ނަމުގައި ބާއްވާ މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 އިން 10 އަށެވެ. މި އެގްޒިބިޝަނަށް އުފެއްދުންތައް ހުށަހަޅަން އެދޭ ފަރާތްތަކުން ފޯމު ފުރުމަށްފަހު، މި ހިނގާ މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މައުރަޒުގައި މައިގަނޑު ފަސް ދާއިރާއަކުން ތަކެތި ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އޭގެ ތެރޭގައި ކުރެހުމާއި، ކުލަޖެއްސުމާއި، ޑިޖިޓަލް އާޓް އަދި ކަނޑާނަގައިގެން ތަކެތި އުފެއްދުމުގެ (ސްކަލްޕްޗާ) އިތުރުން މިކްސް މީޑިއާ ހިމެނެއެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އުމުރުފުރާތަކަކީ:
-
ޖޫނިއާ ކެޓަގަރީ (12 އަހަރުން ދަށް)
-
އޯޕަން ކެޓަގަރީ (12 އަހަރުން މަތި)
-
އިންޓަނޭޝަނަލް ކެޓަގަރީ (ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހާއްސަ)
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މުބާރާތަށް ހުށަހަޅާ އުފެއްދުމަކީ ބައިވެރިޔާގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެއެވެ. އަދި އެހެން ފަރާތެއްގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން ކުރަހާނަމަ، އެ ފޮޓޯގެ ވެރިފަރާތުގެ ހުއްދަ އޮންނަންޖެހޭނެ ކަމަށާއި، ކޮޕީކޮށްފައިވާ އުފެއްދުންތައް ވަގުތުން ޑިސްކޮލިފައި ކުރެވޭނެ ކަމަށް ވެސް އަންގާފައިވެއެވެ.
ފަނޑިޔާރުންގެ ޕެނަލަކުން މާކްސްދީގެން ވަނަތައް ހޮވާއިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނަ ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.