މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޓްރޭޑިންގ ޑިވިޝަންގައި މަސައްކަތްކުރައްވާ ޑެލިވަރީ ސްޕެޝަލިސްޓް އަޙްމަދު ޢަބްދުއްލަތީފް، އެ ކުންފުންޏަށް މެދުނުކެނޑި ޚިދުމަތްކުރައްވާތާ 31 އަހަރު ވަނީ ހަމަވެފައެވެ.
އަޙްމަދު ޢަބްދުއްލަތީފް އެމްޓީސީސީގެ ވަޒީފާއާ ފުރަތަމަ ގުޅިވަޑައިގަތީ 1994 ވަނަ އަހަރު، ކަނޑުދަތުރުފަތުރުގެ ދާއިރާގެ ފަޅުވެރިއެއްގެ ގޮތުގައެވެ. މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމާއި އެއްކުރެއްވި ތަޖުރިބާތަކުގެ އެހީގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯއްދަވާފައެވެ. އެގޮތުން، އުޅަނދެއްގެ ކެޕްޓަންކަމާއި ސީނިއަރ ސުޕަވައިޒަރުގެ މަސްއޫލިއްޔަތު ކާމިޔާބުކަމާއެކު އަދާކުރެއްވުމަށްފަހު، މިހާރު އޭނާ ހުންނެވީ ޓްރޭޑިންގ ޑިވިޝަންގެ ޑެލިވަރީ ސްޕެޝަލިސްޓްގެ މަޤާމުގައެވެ.
އޭނާއަށް ކުރިއަށްދިއުމަށް ތަނަވަސްކޮށްދިން ގިނަ ފުރުޞަތުތަކަށްޓަކައި، ކުންފުނީގެ ވެރިންނަށް ޢަބްދުއްލަތީފް ވަނީ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ފާއިތުވި 31 އަހަރުގެ ދިގު ރާސްތާގައި ލިބިވަޑައިގެންނެވި އަގުހުރި ތަޖުރިބާތަކާއި ކާމިޔާބީތައް އުފަލާއެކު ހަނދާން އައުކުރައްވަމުން، އެ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި މިއަދުވެސް ޚިދުމަތުގައި ދެމިހުންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް މަތިވެރި ޝަރަފަކާއި އުފަލެއް ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދަތުރުފަތުރާއި ޢުމްރާނީ ތަރައްޤީގެ މައިދާނުގައި އެމްޓީސީސީއަކީ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ. އަދި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.