ޕާކިސްތާނުން ދެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަޢުވަތު އަރުވައިފިއެވެ.
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ބަޔާނުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، ގުޅުމުގެ އައު ޞަފްޙާއެއް ހުޅުވައި، އައު ބާބެއް ފެށުމަށް ބޮޑުވަޒީރާއެކު އެއްބަސްވެވިފައިވާ ކަމަށެވެ. އަދި މި އައު ބާބަކީ ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކާއި، ފާގަތިކަމާއި، މަންފާތައް ގެނެސްދޭނެ ބާބެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ގުޅުމުގެ މުސްތަޤުބަލާމެދު އިތުރު ޔަޤީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށާއި، ވެވުނު ފަހުމުނާމާތަކުގެ ސަބަބުން އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން ދިނުމުގެ އައު ދޮރުތައް ހުޅުވި، ދެ ޤައުމުގެ ރަޙްމަތްތެރިކަން މުޅިން އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޕާކިސްތާނު ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންގެ ފަރާތުން އަދާކުރި މެހުމާންދާރީއަށް ބޮޑުވަޒީރު ޝަރީފަށް ޝުކުރު އަދާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މެހުމާންދާރީގެ ބަދަލު އަދާކުރުމުގެ ގޮތުން ބޮޑުވަޒީރަށް ދިވެހިރާއްޖެއިން މަރުޙަބާ ދެންނެވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ކަމަށާއި، މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.