ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެތީ މި މަމަހުގެ 25 އިން ފެށިގެން ބައިނަލްއަގްވާމީ 10 އެއާލައިނެއްގެ ޗެކް-އިން ހިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
މި ބަދަލާއެކު ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ވީ.އައި.އޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަގްވާމީ ދަތުރުތަކަށް ހިދުމަތް ދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކް-އިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ކަށަވަރުވެގެންދާނެއެވެ.
މިމަހުގެ 25 އިން ފެށިގެން މުޅި ފިނި މޫސުމުގެ ތެރޭގައި ޓާމިނަލް 2 އިން ޗެކް-އިން ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެއާލައިންތަކަކީ:
• ނިއޯސް (އިޓަލީ)
• އޭރޯފްލޮޓް (ރަޝިޔާ)
• ޔޫ.އެސް-ބަންގްލާ އެއާލައިންސް
• ސެންޓްރަމް އެއާ (އުޒްބެކިސްޓާން)
• އަޒުރު އެއާ (ރަޝިޔާ)
• އެސް ސެވަން (އެސް7) އެއާލައިންސް (ރަޝިޔާ)
• ޝިރަކް އޭވިއާ (އަރުމީނިއާ)
• ކުވެއިތު އެއާވޭސް (ކުވެއިތު)
• ގަލިވްއެއާ (ބަލްގޭރިއާ)
• ފްރެންޗް ބީ (ފްރާންސް)
ކުރިން ބައިނަލްއަގްވާމީ ދަތުރުތަކަށް ބޭނުންކުރަމުން އައި ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އަލުން ހިދުމަތަށް ނެރެފައިވަނީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. މިހާރު ޑޮމެސްޓިކް ހިދުމަތްތައް ވެސް ދެމުން އަންނަ މި ޓާމިނަލްގައި 27 ޗެކް-އިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ފެންވަރު ރަނގަޅު ކެފޭ/ރެސްޓޯރަންޓްތަކާއި، ނަމާދުކުރާ ތަންތަނާއި، ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
އެހެންކަމުން މި މަހުގެ 25 އިން ފެށިގެން މި 10 އެއާލައިނުން ދަތުރުކުރައްވާ އެންމެހައި ފަސިންޖަރުން ޗެކް-އިން ވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގެންނެވުމަށާއި، ފުރުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެންނެވުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ. އަދި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވަމުން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ދަތުރުވެރިންނަށް ރައްކާތެރި، އަދި ހިތްފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމް.އޭ.ސީ.އެލްއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.