ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެކަމަނާ މިއިންސްޓިޓިއުޓަށް ޒިޔާރަތްކުރެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ސިއްޙީ ދާއިރާއިން އެ އިންސްޓިޓިއުޓުން ކުރަމުން އަންނަ ދިރާސާތައްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަކީ، އެ ޤައުމުގެ ސިއްޙީ ދާއިރާގެ އެންމެ އިސް މުއައްސަސާއެވެ. 1965ގައި ހުޅުވި މި މަރުކަޒުގައި އެ ޤައުމުގައި ބަލިތައް ފެތުރޭ މިންވަރު ބެލުމާއި، ވެކްސިން އުފެއްދުމާއި، ބަލިތައް ދެނެގަތުމުގެ ޚިދުމަތް ދިނުމާއި، ޞިއްޙީ ދާއިރާއިން ދިރާސާކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ.