މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ 19 އޮކްޓޯބަރު 2026 ގައި ދިއްލީގައެވެ.
އެމްއެމްއޭއިން ބުނީ މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އާރުބީއައި އިން އިންތިޒާމުކޮށްގެން ސެންޓްރަލް ބޭންކުތަކަށް ބޭއްވި ބައިނަލްއަގުވާމީ ސެމިނާ "ސަމްވާދު 2026" ގެ ހަވާސާގައި ކަމަށެވެ.
މި ބައްދަލުވުމުގައި ގަވަރުނަރު ވަނީ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވާ (މުއްދަތު އިތުރުކުރުން) ހަމަޖައްސަވައިދެއްވި ކަމަށްޓަކައި އާރުބީއައި އަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޔޫޕީއައި އާއި ރާއްޖޭގެ ފަވާރަ ސިސްޓަމް ގުޅާލުމުގެ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކުރައްވައި، ޕާސަން-ޓު-މާޗަންޓް ކަނެކްޝަނާ ގުޅޭގޮތުން އިތުރަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ކަނެކްޝަން 2027 ގެ ފުރަތަމަ ހިސާބުގައި ލޯންޗުކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވުމުގެ މަގު ފަހިވެ، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
އެމްއެމްއޭއިން ބުނީ ދެ ސެންޓްރަލް ބޭންކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް ދެ ގަވަރުނަރުން މަޝްވަރާކުރެއްވި ކަމަށެވެ.
މި ދަތުރުފުޅުގައި ގަވަރުނަރު މުނައްވަރުގެ އަރިހުގައި، އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު (މަނިޓަރީ ޕޮލިސީ، އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް) މަރިޔަމް ރަޝްފާ އާއި، އެމްއެމްއޭގެ ލައިސަންސިން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރު އަބްދުﷲ ނާސިފް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.