ދައުލަތުގެ އެންމެ މަތީ އިދާރާތަކުގައި އަލިފާން ރޯކޮށް ހުޅުޖެހުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ފުވައްމުލަކުން ފުލުހުން ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުނުޖެހެނީ ކީއްވެތޯއާއި އެއީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޒިހާން މިފަދައިން ލިޔުނީ އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ސުޕްރީމް ކޯޓުގައި ހުޅުޖެހި ހަބަރު އަލް-ޖަޒީރާއިން ރިޕޯޓުކުރުމުން، އެ ހަބަރު ހިއްސާކުރުމަށްފަހުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހުމާ ގުޅޭގޮތުން ޒިހާން ދެއްކި ވާހަކަތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އޭނާ ވަނީ ފަހުން އެ ޕޯސްޓުތައް ފޮހެލާފައެވެ. ނަމަވެސް އޭގެ ފަހުން ލިޔުނު ޕޯސްޓެއްގައި ޒިހާން ބުނީ، އެއްވެސް ތަނެއްގައި ރޯކުރަން ނޫޅޭ ކަމަށާއި، އޭނާ ކުރާ ކަމަކީ ހަމައެކަނި ޖަހަންނަމައިގެ އަލިފާނަށް މަގުކޮށައިދިނުން ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ދުވަސްވީ ބޭފުޅުން ވަނީ ޒުވާން ޖީލަށް އަނދާފައިވާ ކުނިގަނޑެއް ދޫކޮށްލާފައި ކަމަށެވެ. އަދި ގައުމު މިހާރު ވެސް އޮތީ މުޅިން ހަލާކުވެ އަޅިއަށް ވެފައި ކަމަށާއި، ބާކީ އޮތީ ހަމައެކަނި އަޅިކޮޅެއް ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ޒިހާން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަގާމުން ވަކިކުރި ފަހުން އޭނާ އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މީގެ ކުރިން ސިފައިންގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައި ހުއްޓައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭނާ އެ ވަޒީފާއިން ވަކިކުރުމުން، އޭރުގެ ސަރުކާރަށް ވެސް ޒިހާން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އަޑުއުފުލާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.