އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި ފިހާރަތައް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މީހެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި އާންމުވި އެ ޕޯސްޓުގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުން ކުރިން ފެނިފައިވާ އަދި އާންމުންގެ ތެރޭގައި "ޑެތް" ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ އެ ޕޯސްޓު ކޮށްފައިވަނީ 100 އަހަރަށް ބިންތައް ކުއްޔަށް ދޭ މައްސަލައާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އިޝްތިހާރު އިޝްތިހާރު

އެ ޕޯސްޓުގައި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށާއި އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖެހުމަށް އޭނާ ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފިހާރައެއްގެ ނަން ފާހަގަކޮށް ފިހާރަތައް ލޫޓުވުމަށްވެސް ހިތްވަރު ދީފައިވެއެވެ.