ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ ހޯރަފުށީ ސައިޓުގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ ހާމިދު ޢާދަމް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތައްޔާރީ މަސައްކަތްތަކެވެ. އެގޮތުން ދުވާރުގެ މަސައްކަތް ނިމިފައިވާ މަގުތައް ލެވެލްކުރުމާއި، ފެންހިއްކާ ނިޒާމުގެ ސްޓޯމް ވޯޓަރ ޕައިޕްލައިން އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރަށުގެ 2 ސަރަޙައްދެއްގައި ޕަމްޕް ސްޓޭޝަންތައް ބަހައްޓައިގެން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ އާންމު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސްގެންނެވެ.
ހާމިދު ވިދާޅުވީ ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ ރަށުގެ އެންމެ ބޮޑެތި އަދި މުހިންމު މަގުތައް ކަމަށެވެ. ސްޓޯމް ވޯޓަރ ޖަންކްޝަންތައް ކޮނުން ފަދަ ކަންކަމަކީ ވަގުތު ބޭނުންވާ ބުރަ މަސައްކަތްތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 2 ވަނަ ފިޔަވައްސާއި 3 ވަނަ ފިޔަވަހީގެ ދަށުން ޖުމުލަ 17 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ކުރިއަށްގެންދިޔަ 1 ވަނަ ފިޔަވަހީގެ ދަށުން އެރަށުގެ 11 މަގެއްގައި ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ނުނިމި ހުރި މަގުމަތީގެ ނިޝާންތައް ޖެހުން ފަދަ ފަހުގެ މަސައްކަތްތައް ނިންމާލާފައިވަނީ މި ސަރުކާރުގެ ދައުރުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.