ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ބިޒްނަސް ފޯރަމެއް ބޭއްވުމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނިންމައިފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ ނަމުގައި ބާއްވާ މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި މި ފޯރަމުގައި ޕާކިސްތާނުގެ އެކި ދާއިރާތަކުން 300 އެއްހާ ބައިވެރިން ބައިވެރިވާނެއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާވެސް ވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލް އޭވިއޭޝަން އަދި ދިފާއީ ދާއިރާ ހިމެނޭހެން 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.
މިއީ މީގެ 11 އަހަރު ކުރިން 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.