އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މި މަޝްރޫއުގެ ކުރިޔަށް ގެންދާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހާމަކޮށްފިއެވެ.

އާރްސީސީން ބުނީ އެ އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން އަދި ފިނިޝިން މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން ކޮންކްރީޓް ކުރުމާއި، ރޭނުމާއި، ސިމެންތި ޖެހުމުގެ އިތުރުން، ވޯޓަރޕްރޫފިން، ކުލަލުން، އަދި ދަގަނޑުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން، އެމް.އީ.ޕީ (މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިން) އަދި އެޗް.ވީ.އޭ.ސީ (އޭސީ ސިސްޓަމް) ގާއިމުކުރުމުގެ މުހިންމު މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ހިނގަމުންނެވެ.

ދެން އެންމެ އަވަހަށް ފެށުމަށް ތާވަލުކުރެވިފައި ވަނީ މުށިޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން، ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. ހަމައެއާއެކު، އަލިފާން ނިއްވާ ނިޒާމާއި، ލިފްޓު، އަދި އިމާރާތުގެ ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

އާރްސީސީގެ މައިގަނޑު އަމާޒަކީ، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެންމެ މަތީ ފެންވަރުގައި މި ތައުލީމީ މަރުކަޒު ބިނާކޮށް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމެވެ.

އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް އާރްސީސީއާ ހަވާލުކުރީ 12 ނޮވެންބަރު 2024 ގައެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް އާރުސީސީން ފަށާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު 17 ގައެވެ.

ޒަމާނީ ވަސީލަތްތަކާއެކު، ތަނަވަސް ޖާގައެއް ލިބޭނޭހެން 8 ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި 2027 ވަނަ އަހަރު މި އިމާރާތުގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވާއިރު، މި ތަނުގައި އެންމެ ޒަމާނީ ކްލާސްރޫމްތަކާއި ފަންނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. އާރްސީސީއާ މި މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް، 152،945،200.65 (ސަތޭކަ ފަންސާސް ދެ މިލިއަން ނުވަ ލައްކަ ސާޅީސް ފަސް ހާސް ދުއިސައްތަ ރުފިޔާ ފަސްދޮޅަށް ފަސް ލާރި) އަށެވެ.

އަރަބިއްޔާ ސްކޫލު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް އެ ސްކޫލު ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯގެ މުހިންމު ވައުދުފުޅެކެވެ.