ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ޓަވަރުތަކުގެ ތެރެއިން ދެ ޔުނިޓަކަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ދެ ޔުނިޓުގެ އެއްބަސްވުން ބާތިލްކޮށް 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ 4,000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ މުއްދަތެއް އެ ފަރާތްތަކަށް ތަކުރާރުކޮށް ދީފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ. އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ފޮނުވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ނަމަވެސް، އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް އަދި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ފައިސާ ދައްކާފައި ނުވާތީ، އެ ދެ ޔުނިޓުގެ އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކުރުމަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފައެވެ.
އެފްޑީސީން ބުނި ގޮތުގައި މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅެކެވެ. އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އެ ކޯޕަރޭޝަނުން ވަނީ ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން މަޝްރޫޢުގެ ދަށުން 32 ޓަވަރުގައި 4,000 ފްލެޓް ހިމެނެއެވެ. މި ޓަވަރުތައް އަމާން ދޯދި އަދި އަމާން އުދަރެސްގެ ނަމުގައި ބަހާލެވިފައިވާއިރު، ތިން ކޮޓަރީގެ ފުލެޓަކަށް މަހަކު 9,000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 7,000 ރުފިޔާ ދައްކަންޖެހެއެވެ.











ކިޔުންތެރިންގެ ހިޔާލު