ވަގު އެމެރިކާ ޑޮލަރު ދީގެން ފިހާރައަކުން ދެ އައިފޯނު ގަތް މައްސަލައިގައި ސ. ހުޅުދޫ، އިރަމާގެ، ޙުސައިން ޒައިދާން ޢަލީ 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 29 އޮކްޓޫބަރު 2022 ގައި މާލޭގެ ކޮއްތު ހަޓް ރެސްޓޯރަންޓް ކައިރިއަށް "އައި.އެމް ޓެކް" ފިހާރައިގެ ދެ އައިފޯނު 14 ޕްރޯ ޑެލިވަރީކުރުވުމަށްފަހު، އެ ފޯނުތަކުގެ އަގަށްވާ 2,900 އެމެރިކާ ޑޮލަރުގެ ގޮތުގައި 29 ސައްޙަނޫން ނޫޓު ދީގެން މަކަރާއި ހީލަތުން ފޯނުތައް އަތުލާފައިވާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުޒައްމިލް ނާޞިރެވެ.

އިޝްތިހާރު އިޝްތިހާރު

ޒައިދާން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، ކޯޓުގައި ކުށަށް އިއުތިރާފުވެފައެވެ. އެއާއެކު، ޖަލު ހުކުމުގެ އިތުރުން އައި.އެމް ޓެކް ފިހާރައަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,990 އެމެރިކާ ޑޮލަރު 1 އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޒައިދާންގެ މައްޗަށް ކުރި އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި މަނީ ލޯންޑްރިންގ ދައުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލުމަށް ދައުލަތުން އެދުމުން ކޯޓުން ވަނީ އެ ދައުވާތައް ފޮނުވާލާފައެވެ.

މި މައްސަލައިގައި ޒައިދާންއާއެކު ދައުވާލިބުނު ސ. ހިތަދޫ، އެބީވިލާ، ޢަލީ އަކުރަމްގެ މައްޗަށް އުފުލި މަކަރާއި ހީލަތްހެދުމާއި، އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމާއި، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަކުރަމް ހާދިސާ ހިނގި ސަރަހައްދަށް ސައިކަލުގައި ދިޔުން ފިޔަވައި، އޭނާ އެ ކުށުގައި ބައިވެރިވިކަން ނުވަތަ އެއީ ވަގު ޑޮލަރުކަން އޭނާއަށް އެނގޭކަން ދައުލަތަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ފުލުހުންގެ ތަހުގީގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަހުލީލުތަކުން ކަށަވަރުވެފައިވާ ގޮތުގައި، މި މައްސަލައިގައި ބޭނުންކޮށްފައިވާ 100 ޑޮލަރުގެ 29 ނޫޓަކީ އެއް ޕްރިންޓަރަކުން ޕްރިންޓްކޮށްފައިވާ ސައްޙަނޫން ނޫޓުތަކެކެވެ.

މި ފަދަ އެހެން މައްސަލައެއްގައި ޒައިދާން މިހާރު ވެސް ހުރީ ޖަލުގައެވެ.