ގއ. ދެއްވަދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ކިނާނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި މި ރަސްމިއްޔާތުގައި މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ ކޮންކްރީޓް މަސައްކަތްތަކާއި ދަގަނޑު ހަރުކުރުމުގެ އިތުރުން ބޭނުންވާ އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ކޯޓަށް ބޭނުންވާ ކަރަންޓުގެ މަސައްކަތްތަކާއި ޓާފް އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނެއެވެ. ޖުމްލަ 1.8 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ގާތްގަނޑަކަށް 1400 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގައި ޤާއިމްކުރާ މި ހޭންޑްބޯޅަ ކޯޓުގެ ސަބަބުން އެ ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.











ކިޔުންތެރިންގެ ހިޔާލު