މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެއެވެ.
އެގޮތުން، ވޯލްޑްސް ލީޑިންގ އެއަރޕޯޓު 2026 އަދި ވޯލްޑްސް ލީޑިންގ އެއަރޕޯޓު ކަސްޓަމަރ އެކްސްޕީރިއަންސް 2026 މި ދެ ކެޓަގަރީއަށް ވީ.އައި.އޭ ނޮމިނޭޓްކުރެވިފައިވާ ކަމަށް އެމް.އޭ.ސީ.އެލް އިން ހާމަކޮށްފައިވެއެވެ. މި ފުރުސަތު ލިބިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓު 2026 ގެ މަޤާމު ވީ.އައި.އޭ އިން ހޯދާފައިވާތީކަމަށް އެ ކުންފުނިން ބުނެއެވެ.
މި ނޮމިނޭޝަންތަކާއެކު، ވޯލްޑްސް ލީޑިންގ އެއަރޕޯޓު 2026 ކެޓަގަރީގައި ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮން އިންޓަނޭޝަނަލް އެއަރޕޯޓުގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެހެނިހެން ބޮޑެތި އެއަރޕޯޓުތަކާ އެކު ވީ.އައި.އޭ އިން ވާދަކުރާނެއެވެ. އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީގައި ޖުމްލަ 12 އެއަރޕޯޓަކާއެކު ވީ.އައި.އޭ އިން ވާދަކުރާނެ ކަމަށް އެމް.އޭ.ސީ.އެލް އިން މައުލޫމާތުދެއެވެ.

މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭ އަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ވޯޓުލުމުގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން އެމް.އޭ.ސީ.އެލް އިން އެދިފައިވެއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
މި އަހަރުގެ އެވޯޑުތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.











ކިޔުންތެރިންގެ ހިޔާލު