މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހުގެ ތިރީބައި، ބޮޑެތި ޕާރުސަލްތައް ދޫކުރުމަށް ޚާއްޞަކޮށްގެން އަލުން ހުޅުވައިފިއެވެ.
ޒަމާނީ ބަދަލުތަކާއެކު މި ޕިކްޕޯސްޓް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދެވެ. ޕޯސްޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ގެނެވުނު ބަދަލުގެ ސަބަބުން އެ ކުންފުނީގެ ޑެލިވަރީ ނިޒާމު އިތުރަށް ހަރުދަނާވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ބޮޑެތި ޕާރުސަލްތައް ބަލައި އަންނަ ފަރާތްތަކަށް، ކުރިއަށްވުރެ މާ އަވަސްކަމާއެކު ލުއިފަސޭހަކަމާއެކީ ޚިދުމަތް ލިބިގަތުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
އެ އޮފީހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހެޑް އޮފީހުގެ ތިރީބައި ބޮޑެތި ޕާރުސަލްތަކަށް ޚާއްޞަކުރަން ނިންމީ، އީ-ކޮމާސްގެ ވިޔަފާރިތައް ފުޅާވެ، ދުނިޔޭގެ މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅިގެންނެވެ. މިއީ ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ވަކިން ޚާއްޞަކޮށް، ޑެލިވަރީ ވިއުގަ ޒަމާނީކޮށް ފުޅާކުރުމަށް މި ބަދަލުގެ ސަބަބުން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ވަސީލަތް ކަމުގައިވާ ‘ލީޑިންގ ޓްރޭޑް ފެސިލިޓޭޓަރ’ އެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު، މިފަދަ ހަރުދަނާ ބަދަލުތަކުގެ ސަބަބުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޚިދުމަތްތައް ވީހާވެސް ބޮޑަށް ޒަމާނީކޮށް، ރައްޔިތުންނާ ގާތުން އަދި ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު