ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރުވާ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ 168 ބުރީގެ މަޝްހޫރު ބުރްޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނީގެ ވެސް ވެރިޔާ އަލައްބާރް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ.
އަލައްްބާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޝްހޫރު ބައެއް މީޑިއާތަކާ ބައްދަލުކޮށް ހާއްސަ އިންޓަވިއުތަކެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އަލައްބާރު މީޑިއާތަކަށާއި ވިޔަފާރިވެރިންނަށް މާދަމާ މެންދުރު ހާއްސަ ފަރިއްކޮޅެއް ވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ފުރާވަޑައިގަންނަވާނީ ހުކުރު ދުވަހު ކަން އެނގިފައިވެއެވެ.
އީގަލްސް ހިލްސް އާއި އިމާރް ޕްރޮޕަޓީސްގެ ވެރިޔާ އަލައްބާރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ދުނިޔޭގެ ފެންވަރުގައި ވަރަށް ކާމިޔާބު، ގިނަ ބަޔަކު އިހްތިރާމް ކުރާ ވިޔަފާރިވެރިއެކެވެ. އީގަލްސް ހިލްސް އާއި އިމާރް ކުންފުނީގެ މަޝްރޫއުތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެންނަން އެބަހުއްޓެވެ. އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓް ކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުނިން ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ ސޮއިކޮށްފައެވެ.
ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެއެވެ. މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައެވެ. އަދި ރަސްމާލޭގެ ބާކީ އޮތް 600 ހެކްޓަރު ހާއްސަ ކުރާނީ ގޯއްޗާއި ފްލެޓާއި އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށެވެ.
އެ މަޝްރޫއު ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހެދި ވީޑިއޯއެއްގައި އަލައްބާރު ވިދާޅުވީ އެ މަޝްރޫއު ހިންގަން ލިބުމަކީ އޭނާގެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށާއި ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ އުންމީދާ އެއްގޮތަށް މަސައްކަތް ކުރާނެ މަޝްރޫއެއް ކަމަށެވެ.
“ތާރީހުގައި އަންނަ އެންމެ ބޮޑު އިންވެސްޓްމެންޓާ އެކު ދިވެހިން އަޅުގަނޑުމެންނަށް އިތުބާރު ކުރޭ. މިއީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ﷲ މިކަމުގައި ތައުފީގު ދެއްވާށި. ﷲ އިރާދަކުރެއްވިއްޔާ އެ މީހުންގެ (ރާއްޖެ) އުއްމީދާ އެއްގޮތަށް އަޅުގަނޑުމެން މަަސައްކަތް ކުރާނަން،” ވީޑިއޯ މެސެޖްގައި އަލައްބާރު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު