މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީއާއި 15 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ. ޖުމުލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. މިގޮތުން ބަނދަރުމަތީ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށް މަގަތުގައި ހުންނަ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަންޖެހޭ ތަކުލީފުތައް ނިމުމަކަށް އަންނާނެއެވެ.
މި މަޝްރޫޢަކީ ކުޑަކުދިންނާއި، އިސްރަށްވެހިން އަދި ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ލުއިފަސޭހައަކަށް ވާނެއެވެ. ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާ ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، މީގެ ސަބަބުން ދަތުރުތައް އަވަސްވެ އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އުފެދުނީއްސުރެ އެ ކުންފުންޏަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.










ކިޔުންތެރިންގެ ހިޔާލު