މިދިޔަ އަހަރު މާލެ ސަރަހައްދުން އަށް މިލިއަނަށް ވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީގެ އާރްޓީއެލް ބަސް ދަތުރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު މާލެ ސަރަހައްދުގައި ބަހުން ކުރި ޖުމްލަ ދަތުރުތަކުގެ އަދަދު ވަނީ 8.2 މިލިއަނަށް އަރާފައެވެ. މިއީ މި ހިދުމަތް ތައާރަފުކުރި 2022 ވަނަ އަހަރު ދަތުރުކުރި 6.2 މިލިއަން މީހުންނާ އަޅާބަލާއިރު 32 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
2022 ވަނަ އަހަރު މި ހިދުމަތް ފެށުނީއްސުރެ ވޭތުވެދިޔަ ތިން އަހަރުވެސް މި ހިދުމަތް ބޭނުންކުރި މީހުންގެ އަދަދު އުޅެނީ އަށް މިލިއަނަށް ވުރެ މަތީގައެވެ. އެގޮތުން 2023 ވަނަ އަހަރު 8.1 މިލިއަން މީހުން މި ހިދުމަތް ބޭނުންކޮށްފައިވާއިރު، 2024 ވަނަ އަހަރު 8.4 މިލިއަން މީހުން ވަނީ ބަހުގެ ހިދުމަތް ހޯދާފައިވާކަން އެމްޓީސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޚިދުމަތް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ފުޅާ ދާއިރާއެއްގައި ދެމުންނެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫގެ އިތުރުން ފުވައްމުލަކު ސިޓީ، ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކާއި އިސްދޫ އަދި ކަލައިދޫ، ރ. ދުވާފަރު އަދި ނ. ކެނދިކުޅުދޫ ހިމެނެއެވެ.
ބަހުގެ ހިދުމަތުގެ އިތުރުން އާރްޓީއެލް ފެރީގެ ހިދުމަތްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ހަތަރު އަހަރު ކުރިން ތިން އަތޮޅެއްގައި ފެށި މި ހިދުމަތް މިހާރު 16 އަތޮޅަކަށް ފުޅާކޮށްފައިވާއިރު، މި ހިދުމަތް ނުފެށި ވަނީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ، އަދި ވ. އަތޮޅުގައެވެ. މި އަތޮޅުތަކުގައި ހިދުމަތް ދޭން ފެށުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިދިޔަ އަހަރު އެކަނިވެސް 477,215 މީހުން ވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ހޯދާފައެވެ. ފެރީގެ ހިދުމަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
ޒޯން 1 (ހއ، ހދ، ށ): 245,274 މީހުން (އެންމެ ގިނަ މީހުން ދަތުރުކުރި ޒޯން)
ޒޯން 5 (ގއ، ގދ އަދި ތ، ލ): 110,130 މީހުން
ޒޯން 2 (ނ، ރ، ބ، ޅ): 81,161 މީހުން
ޒޯން 6 (އައްޑޫ އަދި ފުވައްމުލައް): 34,877 މީހުން
ޒޯން 4 (މ، ފ، ދ): 5,773 މީހުން
އެމްޓީސީސީގެ ރެކޯޑުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އާރްޓީއެލް ފެރީ އަދި ބަހުގެ ހިދުމަތް ޖުމްލަ 16.2 މިލިއަން މީހުން ބޭނުންކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ 16.1 މިލިއަނާއި 2023 ވަނަ އަހަރުގެ 15.6 މިލިއަން މީހުންނާ އަޅާބަލާއިރު އިތުރުވުމެކެވެ.
މުޅި ރާއްޖެ އެއް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަށް ފެށުނު މި ހިދުމަތުގެ ސަބަބުން، ރައްޔިތުންނަށް އާންމު ދަތުރުފަތުރާއި، އިޤްތިޞާދީ އަދި ސިއްހީ ޒަރޫރީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ފަހިވެގެން ގޮސްފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު