ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއްގެ ތެރޭގައި ތުއްތު ކުއްޖަކަށް ހޮޑުލެވުމާ ގުޅިގެން ކާރު ސާފުކުރުމަށް އެއްހާސް ރުފިޔާ ނަގާފައިވަނީ ދެ ފަރާތުން މަޝްވަރާކޮށް އެއްބަސްވެގެން ކަމަށް ނަލަ ޓެކްސީ ސެންޓަރުން ބުނެފިއެވެ.

ނަލަ ޓެކްސީ ސެންޓަރުން މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، އެ ދަތުރުގެ ތެރެއިން ބްރިޖު ލައިޓް ކައިރިން ތުއްތު ކުއްޖަކަށް ހޮޑުލެވުނު ކަމަށް ކަސްޓަމަރު ޑްރައިވަރަށް އެންގި ކަމަށެވެ. އަދި ކާރުގެ ސީޓަށް ހޮޑުލެވިފައި ހުރުމުން، އާންމުކޮށް އެފަދަ ތަންތަން ސާފުކުރަން ސާފުކޮށްދޭ ތަންތަނުން 1500 ރުފިޔާ ނަގާ ކަމަށް ޑްރައިވަރު ބުނެފައިވާ ކަމަށް އެ ސެންޓަރުން ފާހަގަކުރިއެވެ.

އެ ވާހަކަ ދެއްކުމަށްފަހު ކަސްޓަމަރު ފޯނުން މީހަކަށް ގުޅައި ޑްރައިވަރާ ވާހަކަދެއްކި ކަމަށާއި، ކަސްޓަމަރު ބޭނުންވި ލޮކޭޝަނަށް ގެންގޮސްދިނުމަށްފަހު ފޯނުން ވާހަކަދެއްކި ފަރާތް ބުނި ތަނަކަށް ކާރު ސާފުކުރަން ޑްރައިވަރު ދިޔަ ކަމަށް ބުންޏެވެ. އެ ސަރަހައްދުން އެވަގުތު ސާފުކުރެވެން ނެތުމުން އެހެން ތަނަކަށް ގޮސް އަގު ހެޔޮކުރުމަށްފަހު 1000 ރުފިޔާއަށް އެ މަސައްކަތް ނިންމާފައިވާ ކަމަށް ނަލަ ޓެކްސީން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ކާރު ސާފުކުރުމަށް ނެގި އެއްހާސް ރުފިޔާއަކީ ފޯނުން ގުޅައިގެން ކަސްޓަމަރުގެ ފަރާތުން ވާހަކަދެއްކި ކުއްޖާގެ ބައްޕައާއެކު ދެ ފަރާތް އެއްބަސްވެގެން ހަމަޖެއްސި އަގެއް ކަމަށް އެ ސެންޓަރުން ބުންޏެވެ. އަދި ސާފުކުރުމުގެ މަސައްކަތް ކުރި މަންޒަރު ފެންނަ ފޮޓޯވެސް އެ ފަރާތާ ހިއްސާކޮށްފައިވާނެ ކަމަށް ބުންޏެވެ.

މި މައްސަލާގައި ކުއްޖާގެ މަންމަ ހައްވާ މުހައްމަދު ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތާ ގުޅިގެން ނަލަ ޓެކްސީން ބުނީ، ދެ ފަރާތުން ވާހަކަދައްކައިގެން ކަންކަން ނިންމުމަށްފަހު ހަގީގަތާ ހިލާފަށް ވާހަކަ ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސާފުކުރުމަށް ދިޔަ ހަރަދު ފިޔަވާ ކަސްޓަމަރު ކުރި ދަތުރުގެ އަގުވެސް ޑްރައިވަރަށް ލިބިފައިނުވާ ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.