މާލެ ސަރަޙައްދުގައި ޞިއްޙީ ދާއިރާގެ ބިޔަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ޤީލާ ޢަލީ ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަޙައްދުގައި ގިނަ ހޮސްޕިޓަލްތަކުން ތަރައްޤީކުރުމަށް ރޭވިފައިވާކަން ފާހަގަ ކުރައްވާ މައިގަނޑު މަޝްރޫޢުތަކުގެ ތަފްސީލް ހާމަކުރެއްވި އެވެ.

އެގޮތުން އެއް މަޝްރޫޢުއަކީ ވިލިމާލޭގައި 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީތެރިކަމާއެކުގައެވެ.
މީގެ އިތުރުން ޑައިގްނޯސްޓިކް ސެންޓަރ ފޯ އޮންކޮލޮޖީ ސަރވިސަސް މަޝްރޫޢު ހިމެނެ އެވެ. މިއީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރާ ހޮސްޕިޓަލެކެވެ. ކެންސަރު ބަލި ދެނެގަތުމަށް ޚާއްޞަ މި މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމާލެ ދޭއްގައި 500 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ބިނާކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. މި ބިޔަ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެންމެ އެކަށޭނަ ގޮތްތަކާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާކުރެވެމުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި 250 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަން ވަނީ ނިންމާފަ އެވެ. މި މަޝްރޫޢު ވެސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ މަޝްވަރާތައް ދަނީ ހިނގަމުން ކަމުގައި ވަޒީރު ވިދާޅުވި އެވެ.
އަދި ފޭސް ދޭއްގައި ނޭޝަނަލް ޑިސެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫޢު ވެސް ވަނީ ރާވާފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ދަށުން ހިންގާ މި މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
އަދި 100 އެނދުގެ ތެލެސީމިއާ އެންޑް ހެމަޓޮލޮޖީ ހޮސްޕިޓަލެއް ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަން ވަނީ ހަމަޖެހިފަ އެވެ. ތެލެސީމިއާ އަދި ލޭގެ ބަލިތަކަށް ޚާއްޞަ މި ހޮސްޕިޓަލް ޤާއިމުކުރުމުގެ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ.
ވަޒީރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި މަޝްރޫޢުތައް ނިމި ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެއެވެ.
އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ނިމުމަކަށް އައިސް، އަމިއްލަ ޤައުމުގައި ތިބެގެން ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ ޒަމާނީ ޞިއްޙީ ފަރުވާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މީގެ ސަބަބުން، ބޭސްފަރުވާއަށް ރައްޔިތުންނާއި ދައުލަތުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، އެތައް ޢާއިލާއަކަށް މާލީ އަދި ނަފްސާނީ ގޮތުން ބޮޑު ލުޔަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު