ރޭ ފެށި ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލޭންޑްސްއާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު 1-1އިން އެއްވަރުވެއްޖެއެވެ.
ނޭޝަންސް ލީގު އޭގެ ގްރޫޕް 2 ގައި ކުޅުނު މި މެޗު ކުޅެފައިވަނީ ނެދަލޭންޑްސްގެ ޔޫހަން ކްރައިފް އެރީނާގައި 51 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައެވެ. ޖަރުމަނުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނަށްވަނީ މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. ނަމަވެސް ނެދަލޭންޑްސްގެ ކޯޗު ކަމާއި ހަވާލުވި ސްޕެއިންގެ ޝަވީ ހަނާންޑޭޒްގެ ޓީމުން ވަނީ މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ނެދަލޭންޑްސް އިން ޖުމްލަ 22 ފުރުސަތު ތަނަވަސްކޮށްފައިވާއިރު އޭގެ ތެރެއިން 10 ހަމަލާ އަމާޒުކޮށްފައިވަނީ ގޯލަށެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ޖަރުމަނުންނެވެ. އެއީ މެޗުގެ 32 ވަނަ މިނިޓުގައި ކަރީމް އަޑެޔޭނީ ދިން ޕާހަކުން ފޭލިކްސް އެންމޭޗާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޖަރުމަނުން ލަނޑު ޖަހާ ލީޑު ނެގުމުގެ 2 މިނިޓު ކުރިން އެ ޓީމުގެ ފޯވަޑް ކައި ހަވާޓްޒްއަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. ނެދަލޭންޑްސް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި އަރިމަތިން ރުބެން ވެން ބޮމެލް ނަގައިދިން ހުރަހަކުން ކޯޑީ ގެކްޕޯއެވެ.

ނެދަލޭންޑްސް އާއި ޖަރުމަނުން މި މެޗަށް ނިކުތްއިރު މިއީ ކްލޮޕް އާއި ޝަވީ 2024 ވަނަ އަހަރު ލިވަޕޫލް އާއި ބާސެލޯނާގެ ކޯޗު ކަމާއި ދުރަށް ދިޔަ ފަހުން ޓީމަކަށް ކޯޗުކޮށްދިން ފުރަތަމަ ފަހަރެވެ.










ކިޔުންތެރިންގެ ހިޔާލު