އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް މިއަދު އަމަލުކުރަން ފެށުމާއެކު، ޕްރެޝަރ ބޮޑުވެ އީރާނުގެ އެއަރލައިންތަކުގެ ބައެއް ފްލައިޓް ދަތުރުތައް ކެންސަލް ކުރަން ފަށައިފިއެވެ.
އެގޮތުން، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފްލައިޓް ދަތުތުތައްވެސް އެއަރލައިންތަކުން ކެންސަލް ކުރަން ފަށާފައި ވެއެވެ.
އިރާގުގެ ވެރިރަށް ބަޣްދާދް، އުމާންގެ މަސްކަޓް، ގަތަރު، ޖޯޖިއާ އަދި އަޒަރބައިޖާންއަށް ކުރާ ދަތުރުތައް މިހާރު ސަސްޕެންޑް ކޮށްފައިވާއިރު، ބައިނަލްއަގްވާމީ އެހެން ބައެއް މަންޒިލްތަކަށްކުރާ ދަތުރުތައް އަދިވެސް ހުއްޓުމަކަށް ނާދެއެވެ.

އެގޮތުން، އީރާނުގެ މަހާން އެއަރގެ މަތިންދާ ބޯޓެއް މިއަދުވެސް ވަނީ ޗައިނާގެ ގުއާންޒޫއަށް ޖައްސާފައެވެ.
ޗައިނާއިން އިއްޔެ ބުނެފައިވަނީ، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާ ޣައިރުގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާ ދެކޮޅުހަދާ ކަމަށެވެ. އަދި އީރާނުގެ ފްލައިޓްތައް ޗައިނާއަށް އައުން ނުހުއްޓުވާނޭ ކަމަށްވެސް އަންގާފައި ވެއެވެ.
ތުރުކީގެ އިސްތަމްބޫލަށް ދަތުރުކުރަންވެސް ބައެއް ފްލައިޓްތައް ޝެޑިއުލް ކޮށްފައިވާއިރު، އަނެއްބައި ފްލައިޓްތައް ވަނީ ކެންސަލް ކޮށްފައެވެ.
ބައެއް ޓްރެވަލް އޭޖެންޓުން ބުނެފައިވަނީ، އެމެރިކާގެ ޕްރެޝަރާހެދި އީރާނު އެއަރލައިންތަކުގެ ޓިކެޓް ވިއްކުންވެސް އެމީހުން ހުއްޓާލާފައިވާ ކަމަށެވެ.
އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް މިއެޅީ، ހަނގުރާމަ ކޮށްގެން އީރާނު ބަލިނުކުރެވިގެން އިގްތިސާދީގޮތުންނާއި މާލީގޮތުން އީރާނު އިނދަޖައްސާލަން ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ.
މި ފިޔަވަޅުތަކުގެ ދަށުން، ދުނިޔޭގެ އެއްވެސް އެއަރޕޯޓަކުން އީރާނުގެ މަތިންދާ ބޯޓުތަކަށް ތެޔޮ އަޅައިދިނުމާއި، ގްރައުންޑް ޚިދުމަތްދިނުމާއި، ޓިކެޓު ވިއްކުން ވަނީ މަނާކޮށްފައެވެ. އީރާނުގެ އެއަރލައިނަކަށް ޚިދުމަތް ދީފިނަމަ އެމެރިކާގެ ޑޮލަރު ބޭންކިންގ ސިސްޓަމުން އެ އެއަރޕޯޓެއް ބޭރުކޮށްލާނެ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.










ކިޔުންތެރިންގެ ހިޔާލު