މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިންކިން ޕާރކް / ގއ. ކަނޑުހުޅުދޫ، މުހައްމަދު މަގުސަދު (45އ) އާއި ފުނަމާގެ / ގއ. ކަނޑުހުޅުދޫ، އަބްދުއްރައްޒާގު ޙަސަން (50އ) އެވެ.
މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން. މަސްތުވާތަކެތި ކަމަށް ބެެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު މަޤުޞަދު ފަސް ދުވަހަށް އަދި ޢަބްދުއްރައްޒާޤު ޙަސަން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު