ސޫރިޔާ ސިފައިންގެ ހަތިޔާރު ގުދަނަކަށް އަނެއްކާވެސް ހަމަލާދީ ގޮއްވާލައިފިއެވެ.
މިފަހަރު ހަމަލާދީފައިވަނީ ސޫރިޔާގެ ހަލަބްގެ ދެކުނުގައި ހުންނަ ހަތިޔާރު ގުދަނެއްގައެވެ. ހަމަލާދިން ގުދަނުގައި ހުރީ މިސައިލާއި ގޮވާތަކެތި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަމަލާ ދިނުމާއެކު މުޅި ސަރަހައްދު ބޮމެއްފަދައިން ގޮވައިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މުޅި ސަރަހައްދު ފެނުނީ އަލިގުޅައެއްހެންނެވެ. އަދި ފަހުން އިތުރު ގޮވުންތައް ގޮވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ހަލަބާ ގާތުން އަލް އައިސްގައި ހުންނަ ސިފައިންގެ ހަތިޔާރު ގުދަން ގޮވީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، ގުދަން ގޮވުމުގެކުރިން އެ ހިސާބުގެ މަތީގައި ގޮތްނޭނގޭ ޖެޓުތަކެއް އުދުހުނު މަންޒަރު ގިނަ ބަޔަކަށް ފެނިފައި ވެއެވެ.
ސޫރިޔާ ސިފައިންގެ ހަތިޔާރު ގުދަނެއް ކޮންމެ ހަފްތާއަކުވެސް ދަނީ ގޮއްވާލަމުންނެވެ. ސޫރިޔާ ސަރުކާރުން ކޮންމެ ފަހަރަކު ބުނަނީ އެއީ “އެކްސިޑެންޓަކުން” ދިމާވާ ކަމެއް ކަމަށެވެ.
ހަތިޔާރު ގުދަން ގޮވުމާ ގުޅިގެން ދިމިޝްގް-ހަލަބް ހައިވޭ މިހާރުވަނީ ބަންދުކޮށްފައެވެ. އިމަޖެންސީ ޓީމުތައްވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ހާދިސާ ހިނގި ސަރަހައްދާ ގާތަށް އާންމުން ނުދިއުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.
ހަތިޔާރު ގުދަން ގޮވި ހާދިސާގައި 4 މީހަކު ޒަޚަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، އެކަމާ ގުޅޭގޮތުން ސޫރިޔާ ސަރުކާރުން ރަސްމީގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު