ސަރުކާރުގެ މަތީ ފަންތީގެ ގިނަ މަގާމުތަކެއް ފުރުއްވައި، ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އިލްމީ ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އުމުރުން ފަސްދޮޅަސް ހަތް އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މުހައްމަދު އަލީއަކީ ވޭތުވެދިޔަ ފަނަރަ އަހަރަށް ވުރެ ދިގު މުއްދަތުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަމާއި އިމިގްރޭޝަންގެ ކޮންޓްރޯލަރުކަން އޭނާ ވަނީ ކުރައްވާފައެވެ.

މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއެވެ. ކުރީގެ ޕްލޭނިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގައި ތިމާވެށްޓާ ގުޅޭ ދާއިރާތަކުންވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވިއެވެ.
މުހައްމަދު އަލީއަކީ ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ދިރިއުޅުމުގައިވެސް ނަމޫނާ ދެއްކެވި ބޭފުޅެކެވެ. އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ބަދަލުގައި، އޭނާ އާންމުކޮށް ދަތުރުފަތުރު ކުރައްވާފައިވަނީ ބައިސްކަލުގައެވެ.
މުހައްމަދު އަލީ އަވަހާރަވި ހަބަރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފުން ހިތާމަ ފާޅުކުރައްވައި، މަރްހޫމްގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ މުހައްމަދު އަލީއަކީ އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާއިން މުޖުތަމައަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ގިނަ އިލްމީ ދިރާސާތަކެއް ކުރެއްވި، އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުއާ ކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު