ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އެކި ދާއިރާތަކުގެ އިސް މެންބަރުންނާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެގޮތުން ރައީސް ވަނީ ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. އޭގެ ފަހުން ޒުވާނުންގެ ރައީސުންނާއި ބައްދަލުކުރެއްވި އެވެ.
އަދި ކައުންސިލްތަކުގެ ރައީސުންނާއި ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލްވުމަށް ފަހު އަންހެނުންގެ ރައީސުންނާއި ބައްދަލު ކުރެއްވި އެވެ.

ހުރިހާ ބައްދަލްވުންތަކެއްގައި ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް ފުރުސަތު ދެއްވި އެވެ.
ޕީއެންސީގެ ކޮންގްރެސް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި ކޮންގްރެސްގައި އިންތިހާބު ކުރުމަށް ޕާޓީގެ އަސާސީގެ ގަވާއިދުގައި ބުނާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވެއެވެ.
އެ ޕާޓީން ވަނީ އެ މެންބަރުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އެ ތަފްސީލު ހާމަކޮށްފައެވެ. އެގޮތުން ބައެއް މަގާމުތަކަށް ވަރަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ:
* އަސްމާ ރަޝީދު
* މުހައްމަދު ހުސައިން ޝަރީފް
* އަބްދުﷲ ރާފިއު
* އަހުމަދު ޝިޔާމް
* އިބްރާހިމް ޝުޖާއު
* ފާތިމަތު ސައުދާ
* މުހައްމަދު ނިމާލް
* މުހައްމަދު ސައީދު
ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އަންހެން މެންބަރުކަމުގެ 10 މަގާމަށް 22 މެންބަރަކު ކުރިމަތިލާފައިވާއިރު މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ ޒުވާނުންގެ މެންބަރުކަމުގެ ހަތް މަގާމަށް 13 މެންބަރަކު ކުރިމަތިލާފައިވެއެވެ.
މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރުން ކުރިމަތިލާފައިވެއެވެ. ނުވަ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ.










ކިޔުންތެރިންގެ ހިޔާލު