އެމަނިކުފާނުގެ ވެސް އަދި ކޮންގްރެސް ޕާޓީގެ ވެސް އިތުރު އެޖެންޑާއެއް ނެތް ކަމަށާ އޮތީ ޤައުމީ އެޖެންޑާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޖެންޑާގައި އޮތީ ޤައުމަށް ހެޔޮ ގޮތް ހޯދައިދިނުން ކަމަށެވެ.
މާޒީގައި ސިޔާސީ ވިސްނުމުގައި ގޯސްކޮށް ކަންތައްތަކެއް ބައެއް ލީޑަރުންނާއި ޕާޓީތަކަށް ކުރެވިފައިވާ ކަމަށާ އެގޮތް ދޫކޮށްލަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ވެރިކަމެއް ފެށުނުއިރު ރާއްޖޭގެ އިޖްތިމާޢީ ފޭރާން އޮތީ ހަލާކުވެފައި ކަމަށާ ދިވެއްސަކަށްވީތީ ކުރީން ފަޚުރުވެރިވީ ކަންކަން އޮތީ ގެއްލިގެން ގޮސްފައި ކަމުގައި ވިދާޅުވި އެވެ. ޚާއްސަކޮށް ދިވެހީންގެ ތެރޭ އޮތް އިޙްތިރާމް އަދާކުރުމުގެ ސިފަ މުޅީން ގެއްލިފައިވާ ކަމުގައި ވިދާޅުވި އެވެ.
“އެކަން އެހެން ދާކަމަށްވަންޏާ ކިތަންމެ ވަރުގަދަ އިމާރާތްތަކެއް، ކިތަންމެ ބައިވަރު މަޝްރޫޢުތަކެއް ހިންގިޔަސް އެޔަކުން ނެތޭ ފައިދާއެއް. ބިންގާ އޮތީ ހަލާކުވެފައި. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ފަލްސަފާ އަކީ ވަށާޖެހޭ ތަރައްޤީއެއް. އިންސާނީ ފިކުރު ތަރައްޤީ ކުރުމާއެކީގައޭ އެހެން ތަރައްޤީ ގެނެވޭނީ،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމުގެ އިޖްތިމާޢީ ފޭރާން އަލުން ހެޔޮ ކުރުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިހާރު އޮތް ޙާލަތަށް ލޯމަރާލައި ދޫކޮށްލައިގެން ނުވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ހަމަ އެކަނި ޕީއެންސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
ސަރުކާރުން ފަށަން ތައްޔާރުވެފައިވާ “އިޙްތިރާމް އަދާކުުރުމުގެ ޤައުމީ ކެމްޕެއިން” ގައި ބައިވެރިވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީއެންސީން އެކަނި ކަމަށާ އެކަން އެހެންވީ ކީއްވެގެންތޯ ރައީސް ވަނީ ސުވާލު ކުރައްވާފަ އެެވެ.
ރައީސްގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް “އެންމެ ފުރަތަމަ ޤައުމު” އިސްކުރުމަށް ގޮވާލައްވާފަ އެވެ.










ކިޔުންތެރިންގެ ހިޔާލު