“އެންމެ ފުރަތަމަ ޤައުމު” އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ހުރިހާ ރައްޔިތުންނަށް މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަރަށް ޤައުމީވަންތަ ތަޤުރީރެއް ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންގްރެސް ޕާޓީ ކުރިއަށްދާނީ “އެންމެ ފުރަތަމަ ޤައުމު” އިސްކޮށްގެން ކަމަށެވެ. ޕާޓީގެ ހުރިހާ ކަމެއް އަދި ހުރިހާ ސިޔާސަތުތަކެއް ބިނާވެގެންދާނީ ހަމަޖެހުމާއި ތަރައްޤީ އާއި ރައްކާތެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާޒީގައި ބައެއް ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ފެނިގެން ގޮސްފައިވާ ކަންކަމުގެ ސަބަބުން ސިޔާސީ މަސައްކަތުގެ މާނައަކީ ނުރަނގަޅު ކަންތައްތަކެއް ކުރުން ކަމަށް ބަޔަކަށް ހީވެފައި އޮންނަ ކަމަށެވެ.

ޚާއްސަކޮށް ޒުވާނުންނަށް އެކަން ވިސްނިފައި އޮތީ “މިއީ ވަރަށް ހަޑި ކަމެއް” ނުވަތަ “ކައިރިވާން ހެޔޮ ނުވާވަރުގެެ ކަމެއް” ގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ވިސްނުން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި އެކަން ބަދަލު ކުރެވޭ އެންމެ “ފުރަތަމަ ޤައުމު” އިސްކުރުމުގެ ސިޔާސަތު ކުރިއަށް ނެރެގެން ކަމުގައި ވިދާޅުވި އެވެ.
އެގޮތް ވެއްޖެނަމަ ސިޔާސީ މަސައްކަތަކީ ވަރަށް ސާފު ތާހިރު މަސައްކަތަށް ވާނެ ކަމުގައި ވިދާޅުވި އެވެ.
“އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން ސިޔާސީ މަސައްކަތް ކުރަންޏާ ވަރަށް ސާފު ތާހިރު ސިޔާސީ މަސައްކަތެއް އެއީ. އެޔަކު ނުހުންނާނެ ޤައުމު ދޫކޮށްލާފައި އަމިއްލަ ކަންތައްތަކެއް އިސްކުުރުމެއް. އެޔަކު ނޯންނާނެ ޤައުމު ދޫކޮށްލާފައި ޕާޓީއަށް ފައިދާހުރި ކަންކަމޭ ކިޔާފައި، ގައުމަށް ކޮންމެފަދަ ގެއްލުމެއް ވެސް ދިނުމެއް،” ރައީސް
އޭގެ ފަހުން އެމަނިކުފާނު ވަނީ ޕީއެންސީގެ މެންބަރުންނާއި ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާ އެންމެ ބޮޑު އެދިވަޑައިގަތުމަކީ ޤައުމު އިސްކުރުން ކަމުގައި ވިދާޅުވެފަ އެވެ. އަދި ޕާޓީގެ މަސްލަހަތު އަންނާނީ އޭގެ ފަހުން ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމުގައި ތިބި ނަމަވެސް އަދި އިދިކޮޅުގައި ތިބިނަމަވެސް ޤައުމަށް ގެއްލުންވާ ކަމެއް ކުރާނަމަ އެކަމަކާއި ދެކޮޅަށް ތެދުވާން ޖެހޭ ކަމަށެވެ. އަދި ޤައުމު އިސްކޮށް ޤައުމީ ލޯތްބާއި ޤައުމީ ޖޯޝުގައި މަސައްކަތް ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
ކޮންގްރެެސް ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސް އިން ދޭން ބޭނުންވާ އެންމެ ބޮޑު މެސެޖަކީ އެއީ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެސް އަދި ކޮންގްރެސް ޕާޓީގެ ވެސް އިތުރު އެޖެންޑާއެއް ނެތް ކަމަށާ އޮތީ ޤައުމީ އެޖެންޑާއެއް ކަމަށެވެ. އެ ޖެންޑާގައި އޮތީ ޤައުމަށް ހެޔޮ ގޮތް ހޯދައިދިނުން ކަމުގައި ވިދާޅުވި އެވެ.
މާޒީގައި ސިޔާސީ ވިސްނުމުގައި ގޯސްކޮށް ކަންތައްތަކެއް ބައެއް ލީޑަރުންނާއި ޕާޓީތަކަށް ކުރެވިފައިވާ ކަމަށާ އެގޮތް ދޫކޮށްލަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ވެރިކަމެއް ފެށުނުއިރު ރާއްޖޭގެ އިޖްތިމާޢީ ފޭރާން އޮތީ ހަލާކުވެފައި ކަމަށާ ދިވެއްސަކަށްވީތީ ކުރީން ފަޚުރުވެރިވީ ކަންކަން އޮތީ ގެއްލިގެން ގޮސްފައި ކަމުގައި ވިދާޅުވި އެވެ. ޚާއްސަކޮށް ދިވެހީންގެ ތެރޭ އޮތް އިޙްތިރާމް އަދާކުރުމުގެ ސިފަ މުޅީން ގެއްލިފައިވާ ކަމުގައި ވިދާޅުވި އެވެ.
“އެކަން އެހެން ދާކަމަށްވަންޏާ ކިތަންމެ ވަރުގަދަ އިމާރާތްތަކެއް، ކިތަންމެ ބައިވަރު މަޝްރޫޢުތަކެއް ހިންގިޔަސް އެޔަކުން ނެތޭ ފައިދާއެއް. ބިންގާ އޮތީ ހަލާކުވެފައި. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ފަލްސަފާ އަކީ ވަށާޖެހޭ ތަރައްޤީއެއް. އިންސާނީ ފިކުރު ތަރައްޤީ ކުރުމާއެކީގައޭ އެހެން ތަރައްޤީ ގެނެވޭނީ،” ރައީސް
އެމަނިކުފާނު ވިދާޅުވީ ޤައުމުގެ އިޖްތިމާޢީ ފޭރާން އަލުން ހެޔޮ ކުރުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިހާރު އޮތް ޙާލަތަށް ލޯމަރާލައި ދޫކޮށްލައިގެން ނުވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ހަމަ އެކަނި ޕީއެންސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
ސަރުކާރުން ފަށަން ތައްޔާރުވެފައިވާ “އިޙްތިރާމް އަދާކުުރުމުގެ ޤައުމީ ކެމްޕެއިން” ގައި ބައިވެރިވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީއެންސީން އެކަނި ކަމަށާ އެކަން އެހެންވީ ކީއްވެގެންތޯ ރައީސް ވަނީ ސުވާލު ކުރައްވާފަ އެެވެ.
ރައީސްގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް “އެންމެ ފުރަތަމަ ޤައުމު” އިސްކުރުމަށް ގޮވާލައްވާފަ އެވެ.










ކިޔުންތެރިންގެ ހިޔާލު