ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތާއި ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށު ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު ހެދުމާއި، ބައުންޑަރީ ފާރު ރޭނުމާއި، ފެންސް ޖެހުމުގެ އިތުރުން ލައިޓިން ސިސްޓަމް ހަރުކޮށް ޓާރފް އެޅުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 13.64 މިލިއަން ރުފިޔާއަށް 200 ދުވަސް ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.82 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
2147 މީހުންގެ އާބާދީއެއް އޮންނަ ބާރަށާއި 427 މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގެ އެންމެ އުތުރުގައިވާ ތުރާކުނަކީ ޒުވާނުން ފުޓްބޯޅައަށް ބޮޑު ފޯރިއެއް ބަހައްޓާ ދެ ރަށެވެ. މި މަޝްރޫޢުތައް ނިމުމުން އެ ދެ ރަށުގެ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު