ހއ. މޮޅަދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، އިލެކްޓްރިކަލް ވަޔަރިން އެޅުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ 18 ރަށެއްގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީގެ 20 މަޝްރޫޢެއް ހިންގުމަށް އެމްޓީސީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ އިތުރުން މޮޅަދޫގައި ފުޓްސަލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް އެ އެއްބަސްވުމުގައި ހިމެނެއެވެ.
މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ވޮލީ ކޯޓުގެ ވަށާފާރު ނުވަތަ ފެންސްގައި ކުލަލުމުގެ މަސައްކަތް މީގެ ކުރިން ވަނީ ނިންމާލާފައެވެ. އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ ކޯޓަށް ބޭނުންވާ ކަރަންޓު ވަޔަރިންގ އެޅުމާއި އެއާ ގުޅުންހުރި އެހެނިހެން އިންސްޓޯލޭޝަން މަސައްކަތްތަކެވެ.











ކިޔުންތެރިންގެ ހިޔާލު