އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތުގެ ކޮންކްރީޓުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ހިތަދޫގައި ޤާއިމްކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ އެކި ކާރިސާތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތްކުރާ ސެންޓަރެކެވެ. މިތަނަކީ 2 ފަންގިފިލާއަށް އިމާރާތްކުރާ ތަނެކެވެ. މިތަނުގައި މީޓިން ރޫމަކާއި ކޭޓްރިންގެ ޚިދުމަތާއި ގުދަންތަކާއި ގެދަރިން ހޯލްތައް ހިމެނެއެވެ. މީގެއިތުރުންވެސް ބޭނުންވާނެ އިތުރު ވަސީލައްތައް މިތަނުގައި ޤާއިމްވެގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.
ހިތަދޫގައި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ޤާއިމުކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު