ސަރުކާރުން އަލަށް އުފެއްދި މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ކުންފުނީގެ މަގުސަދަކީ ކައުންސިލްތަކުގެ އަތުން މިސްކިތްތައް އަތުލުން ނޫން ކަމަށާއި، އެ ކުންފުނީގެ ބޭނުމަކީ މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ މާލޭގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދު ދެއްވައި ވަޒީރު ކުރެއްވި ޕޯސްޓެކެވެ.
ޝަހީމް ވިދާޅުވީ ވަޤުފު ކުންފުނިން ކައުންސިލްތަކުގެ އަތުން މިސްކިތްތައް ނުނަގާނެ ކަމަށެވެ. އެ ކުންފުނިން ކުރާނެ ކަމަކީ މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓާ ފަރާތްތަކަށް ފައިސާ ލިބޭނެ ވަސީލަތް ތަނަވަސްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިސްލާމީ ގިނަ ގައުމުތަކުގައި ވެސް މިކަން ކުރަމުންދަނީ މި އުސޫލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކުގެ އަތުން ނަގައި ސަރުކާރުން ވަކި ކުންފުންޏެއް އުފެއްދީ ރައްޔިތުންނަށް ޖެއްސުންކުރުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް، މިސްކިތްތަކުގެ މަރާމާތަށް އަހަރަކު ދެމުން އަންނަ އެއް މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އެދި މާލޭ ސިޓީ ކައުންސިލުން މީގެ ހަފުތާތަކެއް ކުރިން ސިޓީއެއް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކައުންސިލްތަކަށް އެކަނި އެވަރުގެ ބޮޑު ހަރަދެއް ނުކުރެވޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް އުފެއްދިކަން ރައީސް އޮފީހުން އިއުލާންކުރީ އިއްޔެއެވެ. އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ އިތުރުން، އާމްދަނީ ލިބޭނެ ވަޤުފު އިމާރާތްތަކާއި ވިޔަފާރި މަޝްރޫއުތައް ތަރައްގީކުރުމެވެ. މި ކުންފުނީގެ ސަބަބުން ރާއްޖޭގެ ދީނީ ކަންކަމަށް އައު ރޫހެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު