އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. އެއީ މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ %3.01 އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.42 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14 އިތުރު އަދަދެކެވެ. މިއީ މިދިޔަ މަހު މީރާއަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %24 އިތުރު އަދަދެކެވެ. މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 98.08 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.25 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 490 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 200 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިޔަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 144 މިލިޔަން ރުފިޔާ، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 77 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެއިދާރާއަށް ލިބިފައިވާ އާމްދަނީގެ %14.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %3.01 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަ މަހު ވަނީ ޖުމްލަ 497 މިލިޔަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން ހޯދި 302 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން ހޯދި 77 މިލިޔަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 105 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 7 މިލިޔަން ރުފިޔާ، އެކްޝަން ޕޮލިސީގެ ދަށުން 0.89 މިލިޔަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެންވެސް 4.60 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.
މީރާއިން ވިދާޅުވީ، އާމްދަނީ އިިތުރުވުމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓަށް މުއްދަތު އިތުރު ކޮށްފައިވުން ކަމަށެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބު ކަމަށް މީރާއިން ވިދާޅުވިއެވެ. ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ މިއަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރުމާއި، ވާކް ޕާމިޓް ފީގެ އާމްދަނީ އިތުރުވުމަކީވެސް މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ އިިތުރުވުމުގެ ސަބަބެއް ކަމަށް އެއިދާރާއިން ފާހަގަކުރެއެވެ.
މީރާއިން ވިދާޅުވީ، މިދިޔަ މަހަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމުދާއިރާގެ ޖީއެސްޓީއާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން، ބޭންކް އިންކަމް ޓެކްސް އިތުރުވުން ކަމަށެވެ. ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އެއްފަހަރާ ލިބިފައިވުމަކީވެސް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ވިދާޅުވެއެވެ.










ކިޔުންތެރިންގެ ހިޔާލު