ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ހިއްސާކުރުން ލާޒިމުކޮށް އެ އޮތޯރިޓީގެ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އިސްލާހުގައި ދެ ބަދަލެއް ހިމެނެއެވެ. ފުރަަތަމަ ބަދަލަކީ ޓޫރިޒަމްގެ ހިދުމަތްދޭ ވިޔަފާރިތައް ފިޔަވައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީވާންޖެހޭ ވިޔަފާރިތަކުގެ މިންގަނޑަަށް ގެނައި ބަދަލެވެ.
މިހާރު އަމަލުކުރަމުންދާ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ހިދުމަތްދޭ ވިޔަފާރިތައް ފިޔަވައި ބޭރު ފައިސާއިން އަމްދަނީ ލިބޭ ވިޔަފާރިއެއްގެ އާމްދަނީން ބައެއް މާރުކުރަންޖެހެނީ އަހަރަކު 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނަމައެވެ. މިއަދު ގަވާއިދަށް ގެނައި ބަދަލާއެކު ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަންޖެހެނީ އެ ވިޔަފާރިއަަކަށް އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތައް އެކަންޏެވެ. ކުރިން ގަވާއިދުގައި ބަޔާންކުރާ ގޮތުން 15 މިލިއަން ޑޮލަރަށްވުރެ މަތިން އަހަރެއްގެ މައްޗަށް އާމްދަނީ ލިބޭ ވިޔަފާރިތައް ރަޖިސްޓްރީވުން ލާޒިމުވާނެއެވެ.

ގަވާއިދަށް ގެނައި ދެވަނަ އިސްލާހަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ޖަމާކުރަންޖެހޭ އެކައުންޓުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ގޮަތަށް ގަވާއިދުގެ (4) ވަނަ މާއްދާއަށް ދެ އަކުރެއް އިތުރުކުރި ކުރުމެވެ.
މި ގަވާއިދުގެ އިތުރަށް ބޭރު ފައިސާއާ ބެހޭ އާއްމު ގަވާއިދަށް އިސްލާހުތަކެއް ގެނެސް، ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތަކާއި، ބޭރު ފައިސާ މާރުކުރުން ލާޒިމުވާ ވިޔަފާރިތަކަށް އިސްތިސްނާއީ ލުއިތައް ހަމަޖައްސައިދެވޭނެ ހާލަތްތަކުގެ ތަފުސީލުތައް ބަޔާންކޮށްފައިވެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިހާރު ގެނެވިފައިވާ އިސްލާހުތަކުގެ ދަށުން ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމުކޮށް، ކުރިން ގާނޫނުގައި އޮތް ފަތުރުވެރިއެއްގެ ބޮލަކަަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވައިލުމާއެކު، މަހެއްގެ އާމްދަނީން މާރުކުރަންޖެހޭ މިންވަރު ތިން މަސް ފަހުން މާރުކުރުމުގެ ބަދަލުގައި ކޮންމެ މަހަކު މާރުކުރަންޖެހޭ އަދަދު އެ މަހެއްގައި މާރުކުރުން ލާޒިމުވާނެއެވެ.










ކިޔުންތެރިންގެ ހިޔާލު