ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުޅަނދު ފަހަރުގެ އުމުރު ކަނޑައަޅަން އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނައި ހިމަނާފައިވާގޮތަށް އަމަލުކުރުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް އެބައޮތް ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އާ ގާނޫނަށް އަމަލުކުރަން ފަށާއިރު، މާލޭ ސަރަހައްދުގެ މަގުތަކުގެ އަމާންކަމަށް ކުރަންޖެހޭ ކަންތައްތަކާބެހޭ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އާ ގާނޫނުން އުފައްދަންޖެހޭ، ގްރޭޓާ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ލަފާދިނުމަށް އެ ގާނޫނުގައި ކަނޑަައަޅާފައިވާ ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް އެޑްވައިޒަރީ ކޮމިޓީގެ ވެސް މެންބަރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެއްވެސް ރައްޔިތަކަށް ބުރަބޮޑު ނުވެ މިތަނަކީ އަމާންތަނެއްގެ ގޮތުގައި ގާއިމުކުރުން ކަމަށެވެ.

ސައީދު ވިދާޅުވީ މިކަމާ ބެހޭގޮތުން ގައުމީ ޔުނީވާސިޓީން ދިރާސާކުރުމަށްފަހު އެކުލަވައިލި ރިޕޯޓުގައި ދީފައިވާ ލަފައަކީ ވެހިކަލްގެ އުމުރަކީ 15 އަހަރު ދުވަސްކަމަށް ކަނޑައެޅުން ކަމަށެވެ.
“ނަމަވެސް ސަރުކާރުން އަދި އެގޮތަކަށް ނިންމަން، އޭގައިވެސް ސަރުކާރުން ނިންމާނީ ހަމަ ދޭތެރެ މެދު މާނައަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންނަށް ވެސް މީގަ ތަކުލީފެއް ނުޖެހޭގޮތަކަށް އަދި ފައިނޭންޝަލީވެސް ތަކުލީފެއް އުފުލަން ނުޖެހޭގޮތަކަށް، މެދުމިންގަންޑެއް އަޅުގަނޑުމެން ނަގާނީ، މިހާރު އިންނާނެ ތިން އަހަރު ދުވަހެއް މިކަން އިންޕްލިމެންޓް ކުރުމަށްވެސް މާނައަކީ އިމްޕްލިމެެންޓް ކުރަން ފަށާނީވެސް ތިން އަހަރު ދުވަހަށްފަހު،” މިނިސްޓަރު
އާ ގާނޫނުގައި ވެސް ބުނަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 18 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ އުޅަނދުގެ ރަޖިސްޓަރީ ބާތިލުކުރެވޭނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ތިން އަހަދު ދުވަސް ހަމަވާ ތާރީހުގައެވެ.
އޭގެ އިތުރުން އެ ގާނޫނުގައި ބުނަނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިސްތިސްނާކުރެވޭ ހާއްސަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ އަދި އޮޕަރޭޓް ކުރެވޭނ،ީ އެއުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެ މުއްދަތު ހަމަވުމުން، ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގެ ރަޖިސްޓަރީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ބާތިލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ރަޖިސްޓަރީ ބާތިލުކުރެވޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ކުރިން، އެކަމުގެ ނޯޓިސް މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ އުޅަނދެއްގެ ވެރިފަރާތަށް މިނިސްޓްރީން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު