މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުށްޓަށް ބަދަލުކުރެވި، ފުރިހަމަ އޮޕަރޭޝަނަށް އައުމުން މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މާލޭ ޕޯޓުގެ ޖާގައިގެ ދަތިކަން ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް ޕޯޓުގެ ވަސީލަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ބަނދަރުގައި ޒަމާނީ ގުދަންތަކާއި، ކޯލްޑް ސްޓޯރޭޖު އަދި ޑްރައި ގުޑްސް ރައްކާކުރެވޭނެ އެންމެހައި އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅވި ގޮތުގައި، 2027 ވަނަ އަހަރު މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުށްޓަށް ބަދަލުކުރެވިގެންދާނެއެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު މި މަޝްރޫޢު ފުރިހަމަވުމުން މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު