ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް 73.5 އިންސައްތަ ފަތުުރުވެރިން އަދި ގެސްޓްހައުސްތަކަށް 22.1 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދާހަމަ މައުލޫމާތުތައް މިއަދު އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. ރާއްޖޭގައި އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައިކަމަށް ވާއިރު، މި އިންސައްތަ 73.5 ގައި ހުރިކަން ތަފާސްހިސާބުން ދައްކައެވެ. އެއީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1،073،589 ފަތުރުވެރިންނެވެ.
ގެސްޓްހައުސްތަކުގައި 22.1 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރިިއިރު އެއީ 322،944 ފަތުރުވެރިންނެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައެވެ. މިގޮތުން ޓޫރިސްޓް ހޮޓާތަކުގައި އަހަރުގެ މިހާތަނަށް 2.3 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ޓޫރިސްޓް އުޅަނދުތަކުގައި 1.9 އިންސައްތަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އެހެނިހެން ތަންތަނުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ ނިސްބަތް އުޅެނީ 0.2 އިންސައްތައިގައެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 2،351 ފަތުރުވެރިންނެވެ.
ރާއްޖޭގެ 19 އަތޮޅެއްގައި 179 ރިސޯޓް ހިންގާއިރު، އެ ރިސޯޓްތަކުގައި 45،141 އެނދު ހުރެއެވެ. އަދި 20 އަތޮޅުގައި 112 ގެސްޓްހައުސް ހިންގާއިރު ހިދުމަތުގެ ގޮތުގައި 16،444 އެނދު ހުރެއެވެ.
ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އަދަދަށް ބަލާއިރު އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެވެ. ލިސްޓުގައި ދެން އެންމެ ގިނައީ ރަޝިއާ އަދި އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. ގަދަ 10 ގައި އުޅެނީ މި ތިން ގައުމުގެ އިތުރުން، އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސްޕެއިން އެވެެ.
ސެޕްޓެމްބަރު މަހުގެ ފުރަތަމަ 8 ދުވަހަށް ބަލާއިރު، 36،962 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. އެހެންވެ، އިތުރަށް ފަތުުރުވެރިން ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ގިނަ ހަރަކާތްތަކެއް މިއަހަރުވެސް ވަނީ ހިންގާފައެވެ.










ކިޔުންތެރިންގެ ހިޔާލު