އެމެރިކާ ސިފައިން އީރާނުގެ ދެކުނުގެ ރަށްތަކަށް ރޭގައި ދިން އުދުވާނީ ހަމަލާތަކުގައި 19 މީހުން މަރުވެފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

އެމެރިކާގެ ހަމަލާތަކުގައި މަރުވި މީހުންނާއި، ޒަޚަމްވި މީހުންނާއި އަދި ތަންތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލްތައް އީރާނު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އީރާނު ސަރުކާރާ ހަވާލާދީ އީރާނު މީޑިއާއިން ބުނެފައިވަނީ، ކުހެސްތަކަށް ދިން ހަމަލާތަކުގައި 4 މީހުން މަރުވި ކަމަށާއި، ޚުޒެސްތާން ޕްރޮވިންސަށް ދިން ހަމަލާގައި 7 މީހުން މަރުވި ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ކަރްމަންޝާހްއަށް ދިން ހަމަލާތަކުގައި އިންގިލާބީ ލަޝްކަރުގެ 4 މެމްބަރުން މަރުވި ކަމަށާއި، ލަވާން އައިލެންޑަށް ދިން ހަމަލާތަކުގައި ބަސީޖް ފައުޖުގެ ތިން މެމްބަރުން މަރުވި ކަމަށާއި އަދި  ފާރސް ޕްރޮވިންސުންވެސް އެކަކު މަރުވި ކަމަށް ބުނެފައި ވެއެވެ.

އެމެރިކާ ސިފައިން ކުހެސްތަކުން ހަމަލާ ދީފައިވަނީ ކައިވެނީގެ ހަފްލާއެއް ކުރިއަށްދިޔަ ތަނަކަށް ކަމަށް ބުނެ މަދަނީންނަށް ސީދާ އަމާޒުކޮށް ހަމަލާދޭތީ އީރާނު ސަރުކާރުންވަނީ އެމެރިކާ ސިފައިންގެ އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އީރާނުން ބުނެފައިވަނީ، ސިރީކް ކައުންސޓީގައި ކައިވެނީގެ ހަފްލާ ކުރިއަށްދިޔަ ތަނަށް ދިން ހަމަލާގައި 4 މީހުން މަރުވެ 70 މީހުން ޒަޚަމްވި ކަމަށެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނާއި އަންހެނުން ހިމެނޭ އީރާނުން ބުނެފައި ވެއެވެ.

މަރުވި މީހުންގެ ތެރޭގައި 4 އަހަރުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާ ސިފައިންގެ ހަމަލާތަކުގައި، ކައިވެނީގެ ހަފްލާ ކުރިއަށްދިޔަ ތަނަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ ވީޑިއޯތައް އީރާނު ސަރުކާރުން މިހާރުވަނީ އާންމުވެސް ކޮށްފައެވެ.

ކައިވެނީގެ ހަފްލާއަށް ހަމަލާތައް އަމާޒުކުރުމުން ރުޅިއައިސްގެން އީރާނުގެ އިންގިލާބީ ލަޝްކަރުންވަނީ، ސަރަހައްދުގައި ހުރި އެމެރިކާ ސިފައިންގެ ތަންތަނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.