އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް، އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ހަލާލު ފަތުރުވެރިކަން ފުޅާކުރުންވެސް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައެވެ.

އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ، އިސްލާމީ 57 ޤައުމެއްގެ އަމިއްލަ ވިޔަފާރިތަކާއި، ވިޔަފާރިވެރިން ތަމްސީލުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. ކުރިން މި ޖަމްޢިއްޔާއަށް ކިޔަނީ އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗަރ، އައިސީސީއައިއޭއެވެ.
މި ޖަމްޢިއްޔާ އުފެދުނީ 1977 ވަނަ އަހަރުއެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި، އިޤްތިޞާދީ އަދި ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ހަލާލް އިޤްތިޞާދު ކުރިއެރުވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުން ހިމެނެއެވެ. ދިވެހިރާއްޖެއިން މި ޖަމްޢިއްޔާގައި ތަމްސީލުކުރަނީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ އިންނެވެ.










ކިޔުންތެރިންގެ ހިޔާލު