މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއާޕާސަން ކަމުގެ މަގާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ވިޔަފާރި ދާއިރާގެ ތަޖުރިބާކާރު ޢަބްދުﷲ ފާއިޒް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މައުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ފާއިޒް ވަނީ އައްޔަނުކުރައްވާފައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެއްވި ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަހުގެ އަގުހުރި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ތައުލީމީ ބޭފުޅެއްވެސް މެއެވެ.

އިޝްތިހާރު އިޝްތިހާރު

ފާއިޒު ވަނީ މީގެ ކުރިން ދައުލަތުގެ މުހިންމު ކުންފުނިތަކެއްގެ އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ސޭވީން ފެބުރުވަރީ ދާރަ ނަވާރަސަތޭކަ ނަވާރަ ވަނަ ދުވަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއާމަންކަމަށް އައްޔަންކުރެވި އެ މަގާމު ފުރުއްވާފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ބޯޑުގެ ޗެއާމަންކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިޒު ވަނީ ދައުލަތުގެ އިތުރުން ރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައިވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޑިރެކްޓަރު ޓު ދަ ޗެއާމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓަ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންސްގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ކޭޓަރިން އަދި އިންވެސްޓްމަންޓް ދާއިރާގެ އެކި އިސް މަގާމުތައްވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރާއްޖޭގެ ވިޔަފާރި ޖަމިއްޔާތައް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ފާއިޒަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ދެހާސް އެކެއް ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ އިތުރުން އެ ޖަމިއްޔާގެ ނައިބު ރައީސްކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.