މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މިހާތަނައް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ މިސަރުކާރު އައިރު މަސްވެރިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިނަށް ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުންކަމަށެވެ. އެގޮތުން 230 މިލިޔަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެ ފައިސާ ދިނުމަށްފަހު، މަސްވެރިންނާއި އޮޑިވެރިންނަށް މިހާތަނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ވަނީ ދީ ޚަލާސްކޮށްފައެވެ. އެކަން ހައްލުކުރުމުގެ ގޮތުން މަސްކިރުވާތާ 48 ގަޑިރުތެރޭގައި ފައިސާދިނުމަށް ފަށާފައިވާމަށް ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެފައިސާ މަސްވެރިންނަށް ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ. މިއާއެކު 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސްވެރިން ކިރުވާމަހަށް އަންނަނީ 48 ގަޑިއިރުގެތެރޭގައި ފައިސާ ޖަމާކޮށްދެމުންނެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވަމުން އަންނައިރު ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މި ސިނާއަތް ސިންދަފާތު ކުރުމަށްވެސް ސަރުކާރުގެ ޕްލޭންތައް ހަދާ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރުގެ ޤަވައިދު ގެޒެޓްކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ދޫކުރާ ލޯނުތަކަށް އެދި ހުށައެޅޭނެއެވެ.










ކިޔުންތެރިންގެ ހިޔާލު