އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ. ތަފާތެއް ނުކުރާނެ ކަމަށާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ވިޔަފާރިވެރިން މަކަރު ހަދަން އުޅުނަސް، އެކަން ހުއްޓުވާނެ ކަމަށާއި ވަކި ބަޔަކު މުއްސަނދިވެފައި އެހެން އެންމެން ދަތީގައި އުޅެން ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން، ރައީސް ޑރ. މުއިއްޒުއާ ކުރި ސުވާލަކީ ވެސް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލެވެ. އެ ގާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %40 ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ހެދުމެވެ. މީގެކުރިން އެ ގާނޫނުގައި އޮންނަ ގޮތުން މާރު ކުރަން ޖެހޭނީ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ބޭރު ފައިސާއިން ލިބޭ އާމްދަނީގެ %20 އެވެ.
މި ނިންމުމާ ގުޅިގެން ބައެއް މީހުން ކަންބޮޑުވުންތައް ދިޔައީ ފާޅު ކުރަމުންނެވެ. އެގޮތުން، އެހާ ބޮޑު އަދަދެއް މާރު ނުކުރެވޭނެ ކަމާއި އެގޮތަށް ކުރާ ނަމަ، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖް ނުދެވޭނެ ކަމަށް ދިޔައީ ބުނަމުންނެވެ. ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކުތަކަށް މާރު ކުރާ ގޮތަށް ގާނޫނު ވުޖޫދަށް ގެނައުމާ ގުޅިގެން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް ވިޔަފާރިވެރިން އެކަމާ ދެކޮޅު ހެދިއެވެ.

“އަޅުގަނޑު %100 ޔަގީންކަމާއެކު މި ދަންނަވަނީ ރާއްޖޭގެ އެއްވެސް ރިސޯޓެއް ނޯންނާނެ މި %40 މާރު ނުކުރެވޭނެ. ނޯންނާނެ. ހަމަ ލޯން ދައްކާފައި، މުވައްޒަފުންނަށް މުސާރަ ދީފައި، ހަރަދުތައް ދައްކާފައި، ޑޭޓުޑޭ އޮޕަރޭޝަން، ހުރިހާ ކަމެއް ކޮށްފައި މި މާރު ކުރެވޭނެ.” ރައީސް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިސޯޓުތަކުގެ ވެރިން މަކަރު ހަދައި، ދޮގު ހަދަން އުޅުނަސް އެކަން ހުއްޓުވޭނެ ނިޒާމުތައް މިއަދު ތަސްދީގު ކުރެއްވި ބިލްތަކުގައި އޮންނާނެ ކަމަށެވެ. މީގެކުރިން، މަކަރު ހަދައިގެން ސަލާމަތްވެފައި ހުއްޓަސް، އެކަމަކަށް މިފަހަރު ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“ރާއްޖެއަށް ޓޫރިސްޓަކު އައި ހިސާބުން، އެ ޓޫރިސްޓަކު އައި ކަމާއި އޭނާ ދިޔަތަނާ، އޭނަ ނިދީ ކޮން ތަނެއްގައި ކަމާއި އޭނާ ފުރައިފި ކަން އެނގޭނެ ނިޒާމު މީގެ އެއް މަސް ފަހުން ރަސްމީކޮށް އަޅުގަނޑުމެންގެ ސިސްޓަމް ތެރެއިން ގާއިމުވެފައި ހުންނާނެ. މަކަރެއް ނުހެދޭނެ. އެ ފުރުސަތެއް ނުލިބޭނެ،” ރައީސް
“މި ސަރުކާރުން ހައްގު ގާއިމު ކުރުމުގައި ވަރަށް ފާމް ވާނެ. އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ. ތަފާތެއް ނުކުރާނެ. ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދިނުމުގައި ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާ (ދަތީގައި) ކުރަން ޖެހެނީ. ނުޖެހޭނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލު ގެންނަން އުޅުނީމަ، ރާއްޖޭގެ ބަޖެޓު ކުޑަ ކުރުމަށާއި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުން ހުއްޓާލުމަށް ބައެއް ބޭފުޅުން އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދިނުމަށް ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު މިކަމާ އުޅެން ފެށީމާ ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަ ކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ. އަޅުގަނޑު އަތުގައި މެސެޖު އެބަހުރި. ރައްޔިތުންނަށް އަޅުގަނޑުވެފައި ހުރި ވައުދުތައް ފުއްދަން ބޮޑެތި ބަޖެޓުތައް ހަދައިގެން، ރައްޔިތުންނަށް ތަރައްގީ އާއި ތަމައްދުން ގެނެސްދޭން މަސައްކަތްކުރާ ކަމަށްވަންޏާ ޑޮލަރު ރޭޓު ވެސް ބޮޑުވާނޭއޭ، ތިމަންނަމެން ބްލެކް މާކެޓުގައި ވެސް ވިއްކާނަމޭ، މިއީ ކަމުދާ ވާހަކައެއް ނޫން،” ރައީސް ވިދާޅުވިއެވެ.
ރިސޯޓުތައް ހިންގަނީ ރާއްޖޭގައި ކަމަށާއި އެތަންތަނުގައި ދައުލަތުގެ އަދި ރައްޔިތުންގެ ހައްގު އެކުލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު ވީ ވައުދުތައްތޯ ހުއްޓާލަންވީ ނޫނިއްޔާ ތިމަންނަމެން ރިސޯޓު ހިންގައިގެން ލިބޭ ޑޮލަރުން ރައްޔިތުންނަށް ހައްގު މިންވަރު ދޭންވީތޯ، މިއީ ކުރަންވީ ސުވާލަކީ ތި ބޭފުޅުން ނޫސްވެރިން ވެސް. ކާކަށްތޯ އޮޅުވާލަނީ، އަމިއްލަ ނަފްސަށް އޮޅުވާލަނީ ކީއްކުރަންތޯ. ރައްޔިތުންގެ ހައްގު އެބައޮތޭ، ރާއްޖޭގައޭ މި ހިންގަނީ މި ރިސޯޓުތައް. މިއީ ދައުލަތުގެ އެއްޗިއްސޭ. ދައުލަތުގެ އެއްޗެހި މިއީ. އެހެންވީމާ އަޅުގަނޑުމެން ކަންކަން ކުރަނީ ޒިންމާދާރުކަމާއެކީގައި،” ރައީސް ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު