ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުންނެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައާ ގުޅިގެން އަންދާޒާކުރި ތާރީޚަށް ސްޓޮކް ލިބުމުގައި ދަތިތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، މިހާރު ހުރި ސްޓޮކް މެނޭޖްކުރުމަށްޓަކައި އޮގަސްޓް 28 އިން ފެށިގެން ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
މި ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އެއްވެސް ފީއަކާ ނުލައި އިތުރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާއާއި ސްރީލަންކާ ފަދަ އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް، އައިކާއޯގެ މިންގަނޑުތަކާ އެއްގޮތް 1 އަހަރުގެ މުއްދަތަކަށް ދޫކުރެވޭ، މެޝިން ރީޑަބަލް 8 ސަފްހާގެ “އިމަޖެންސީ ޕާސްޕޯޓް” އެއްވެސް ފީއަކާ ނުލައި ދޫކުރުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަނުން ވަނީ މި ބަދަލުތައް ގެނެވުނު ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.










ކިޔުންތެރިންގެ ހިޔާލު