އަމީނީ މަގުގެ ސެގްމަންޓް އެކެއްގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ މަސައްކަތުގެ ނުވަދިހަ އިންސައްތަ މިއަދުގެ ނިޔަލަށް ނިމި، އިތުރަށް ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމުމަށްފަހު އެގްރިގޭޓް ބޭސް ކޯސް ނުވަތަ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތަކީ އަމީނީ މަގުގެ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރުގަނޑު ދުއްވަން ނުރައްކާވާ މިންވަރަށް ހަލާކުވެ، އާންމުން ކުރަމުންދިޔަ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މަރާމާތުގެ މަސައްކަތެކެވެ.

އެ ސަރަހައްދުގައި މުލިހިތަކެއްހެން ތާރުގަނޑު އުފުލި، މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހި، ގިނަ ބަޔަކު އައީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ސަބްގްރޭޑް ފަށަލައިގެ މަސައްކަތް މިއަދު އެކީ ނިމުމާއެކު، ދެން ކުރިއަށްދާނީ މަގުގެ ވަރުގަދަކަން ހިފެހެއްޓުމަށްޓަކައި އަޅާ އޭބީސީ ފަށަލަ ފެތުރުމާއި ކޮމްޕެކްޓް ކުރުމުގެ އަމަލީ މަސައްކަތެވެ.

މި ސަރަހައްދުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާއިރު، މަގު ބޭނުންކުރާ ފަރާތްތަކުން ދަތުރުފަތުރުގެ ކަންކަން ރޭވުމުގައި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.